ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަސަރުތަކެއް ކުރާނެތީ، ހަރަދު ކުޑަ ކުރުމުގެ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަލަށް ފަނޑިޔާރުން ނެގުން މަޑުޖައްސާލައިފި އެވެ.
ޖޭއެސްސީން ކުރި އިއުލާނުގައި ބުނީ ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދަން އެ ކޮމިޝަނުން ކުރި އިއުލާން ބާތިލްކޮށް ފަނޑިޔާރުން ނެގުން މަޑުޖައްސާލީ ކޮވިޑް-19 ފެތުރޭތީ، ޚަރަދު ކުޑަކުރުމުގެ ގޮތުން، އަލަށް މުވަައްޒަފުން ނެގުން މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީން އަންގާފައިވާތީ އާއި ރާއްޖޭގެ އިގްތިސާދަށް ވެސް އެކަމުގެ އަސަރު ކުރަމުންދާތީ ކަމަށެވެ. އަދި ފަނޑިޔާރުން އައްޔަން ކުރާއިރު، ކޮންމެ ފަނޑިޔާރަކަށް ވެސް އިދާރީ ގޮތުން އެހީވާން އިތުރު މުވައްޒަފުން ނެގުމާއި ޝަރީއަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން އިތުރު ޚަރަދުތައް ކުރަން ޖެހޭ ކަން ވެސް އެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންވެ، މިވަގުތު ދަށު ކޯޓުތަކަށް ފަނޑިޔާރުން ނެގުން މަޑުޖައްސާލާފައިވާ ކަމަށާއި އެކަމަކު ފަހުގެ ތާރީޚެއްގައި ހާލަތަށް ރިއާޔަތްކޮށް، ފަނޑިޔާރުން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

