ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖެއިން ވެސް ފެނި، ޝައްކުވާ މީހުންވެސް ފެންނަމުންދާއިރު މިއަދު ވަން އެންޑް އޮންލީ ރީތި ރަށުން ބަލީގެ އަލާމާތާއި އެކު ކަރަންޓީންކޮށްފައިވަނީ ކުޑަކުއްޖެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އެ ކުއްޖާގެ ގައިން މިހާރު ވަނީ ސާމްޕަލްތައް ނަގާފައެވެ. ވައިރަހަށް ޝައްކުކުރެވޭ ކުއްޖާ ފެނުމާއެކު، އެ ރިސޯޓަށް އަރައިފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އަދި އެ ކުއްޖާއާއި ކޮންޓެކްޓު ވީ މީހުން ޓްރޭސް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ބައްޔަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.
ވަން އެންޑް އޮންލީ އާއި އެކު މިވަގުތު އަރާ ފޭބުން މަނާކޮށްފައިވާ ރިސޯޓުގެ އަދަދު މިހާރު ވަނީ ފަހަކަށް އަރައެވެ. އަރާ ފޭބުން މަނާކޮށްފައިވާ ރަށްތަކަކީ، ބަތަލާ އައިލޭންޑާއި ކުރެއްދޫ އައިލޭންޑް ރިސޯޓުގެ އިތުރުން، އއ. ކުރަމަތި ރިސޯޓު އަދި ވިލިމަންދޫ ރިސޯޓެވެ. ވިލަމަންދޫ ބަންދުކޮށްފައިވަނީ ކުރެއްދޫގެ މުވައްޒަފަކު އެ ރަށަށް ގޮސްފައިވާތީ އެވެ. ކުރަމަތި ބަންދުކޮށްފައިވަނީ އެ ރިސޯޓުގައި ހުރި ހުރި ދިވެހި މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ އެވެ.
ބަތަލާ ރިސޯޓުން އިތުރު ދެ މީހަކަށް ޝައްކު ކުރެވިގެން އެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ވަނީ ގެނެސްފައެވެ.
ޕޮޒިޓިވް ވީ ހަ މީހުންގެ އިތުރުން، މިއަދު ޓެސްޓު ކުރި ހުރިހާ އެންމެން ވެސް ވަނީ ވައިރަސްއަށް ނެގެޓިވް ވެފައެވެ. އޭގެ ތެރޭގައި ފޯކައިދޫއަށް ދިޔަ މީހާއާއި، ހިންނަވަރަށް ދިޔަ މީހާ އަދި ޔުނިވާސަލްގެ މުވައްޒަފު ހިމެނެއެވެ. އަދި ވ. ތިނަދޫއިން ދެވަނަ ފަހަރަށް ޓެސްޓު ކުރި މީހާވެސް ހިމެނެއެވެ.
”ސަންގު“ އާއި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ވައިރަަހަށް ޓެސްޓުކޮށް ނެގެޓިވް ޥާ މީހުންވެސް ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށް14 ދުވަސް ވަންދެން މޮނީޓާރ ކުރާނެ ކަމަށެވެ. އެއީ އެ މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ޑެވެލޮޕްވޭތޯ ބެލުމަށް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ތިނަދޫއިން ވައިރަހަށް ދެ ފަހަރަށް ޓެސްޓުކޮށް ނެގެޓިވް ވި މީހާވެސް މޮނީޓާރ ކުރާނެ ކަމަށެވެ.

