ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް މަނީ ލޯންޑަރިންގްގެ އާ ތުހުމަތުތަކެއް ކުރެވި، އެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއާ ބައްސާމާ ގުޅުންހުރި ކަމަށް ބުނާ މައްސަލައެކެވެ. ތަޙުޤީޤީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ ފަތުރުވެރިކަމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެކިއުޒިޝަން ފީގެ ގޮތުގައި ލިބުނު ފައިސާ، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އޭގެ ތެރެއިން ބައެއް ބައްސާމްގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައެކެވެ.
މި ތަޙުޤީޤުން އެނގިފައިވާ ގޮތުގައި، އެސްއޯއެފް މެދުވެރިކޮށް ބައްސާމަށް 29,000 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ އެންމެ އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިވެގެން ހަމަޖެހުނު އިންތިޒާމެއްގެ ދަށުންނެވެ. އެ ފައިސާ އޭނާގެ އަމިއްލަ ކަންކަމަށް ހަރަދުކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
މީގެ އިތުރުން، އެމްއެމްޕީއާރްސީން ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި، އެ ކުންފުނީގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި ބައްސާމް ސޮއިކޮށްފައިވާކަން ވެސް ތަޙުޤީޤަށް ވަނީ ހާމަވެފައެވެ. އަދި ބައްސާމްގެ އެކައުންޓަށް ޖަމާވި ފައިސާ އޭނާގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ވެސް ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހޯދުންތަކުގެ މައްޗަށް ބިނާކޮށް، މަނީ ލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުން ބައްސާމްގެ މައްޗަށް ދަޢުވާކުރުމަށް ވަނީ ހުށަހަޅާފައެވެ.
ބައްސާމާ ދެކޮޅަށް އެންމެ ފުރަތަމަ ބޮޑެތި ތުހުމަތުތަކެއް ކުރެވެން ފެށީ އޭނާ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހަުރެ އެ އެސޯސިއޭޝަންގެ ފައިސާ ބެލެހެއްޓުމުގައި ހުރި މައްސަލަތަކާ ގުޅިގެންނެވެ. އެންމެ ފުރަތަމަ ކަމާބެހޭ އިދާރާތަކުން ބަލަން ފެށީ ފީފާގެ އެހީގެ ފައިސާއާއި، ކޮވިޑް-19 އާ ގުޅިގެން ލިބުނު އެހީގެ އިތުރުން ފުޓްބޯޅަ ކުރިއަރުވަން ލިބުނު އެކި ފައިސާތަކަށް ވީގޮތެވެ. ތަޙުޤީޤަށް ހާމަވި ގޮތުގައި، ފުޓްބޯޅަ ކްލަބުތަކަށާއި ވަސީލަތްތައް ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ފައިސާ ވަނީ ހުއްދަ ނޫން މުޢާމަލާތްތަކެއްގެ ތެރެއިން އޭނާގެ އަމިއްލަ އެކައުންޓްތަކަށް ބަދަލުކޮށްފައެވެ.
މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މައްސަލައަކީ، ކޮވިޑްގެ ދުވަސްވަރު ކްލަބުތަކަށް އެހީވުމަށް ފީފާ އިން ދިން 1.2 މިލިއަން ޑޮލަރުގެ ލޯނަށް ޚިޔާނާތްތެރިވި މައްސަލައެވެ. މި ފައިސާ ބޭނުންކޮށްފައިވަނީ ފުޓްބޯޅައާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށާއި، އަމިއްލަ މުދާ ގަތުމަށާއި އަމިއްލަ މުޢާމަލާތްތަކަށް ކަމަށް ޕްރޮސިކިއުޓަރުން ވަނީ ސާބިތުކޮށްދީފައެވެ. މި ތަޙުޤީޤުތަކުގެ ނަތީޖާއެއްގެ ގޮތުން، މަކަރާއި ޙީލަތް ހެދުމާއި، ޚިޔާނާތާއި، މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑަރިންގްގެ ގިނަ ދަޢުވާތަކެއް ބައްސާމްގެ މައްޗަށް ވަނީ އުފުލާފައެވެ.
2025 އާއި 2026 ވަނަ އަހަރުގެ ތެރޭގައި ކޯޓުތަކުން ވަނީ ބައްސާމްގެ މައްޗަށް އެކި މައްސަލަތަކުގައި ކުށް ސާބިތުވާކަމަށް ޙުކުމްކޮށްފައެވެ. އޭގެ ތެރޭގައި ފީފާގެ ފައިސާއާ ގުޅުންހުރި މަނީ ލޯންޑަރިންގް މައްސަލައަކާއި، ފުޓްބޯޅަ ތަރައްޤީގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެއް ހިމެނެއެވެ. އެންމެ ބޮޑު ޙުކުމެއް އައީ ފީފާގެ ކޮވިޑް ލޯނާ ގުޅޭ މައްސަލައިގައެވެ. މި ހުރިހާ މައްސަލަތަކެއް އެއްކޮށްލުމުން ބައްސާމްގެ މައްޗަށް ވަނީ ޖުމްލަ 32 އަހަރުގެ ޖަލު ޙުކުމެއް އައިސްފައެވެ. މި ޙުކުމްތަކުގެ ތެރެއިން ގިނަ މައްސަލަތަކެއް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު ބައްސާމް މިހާރު ދަނީ ހުކުމް ތަންފީޒުކުރަމުންނެވެ.

