ކުރެއްދޫ އައިލެންޑް ރިސޯޓް ވަގުތީ ގޮތުން ލޮކްޑައުން ކޮށްފައި އޮތުމުން އެ ރަށުން ނުފޭބިފައި ތިބި ޓޫރިސްޓުން ފުރަން ފަށައިފި އެވެ.
ވައިރަސްގެ އަލާމާތްތަކެއް ފެނި، ބަންދުކުރި ކުރެއްދޫ ރިސޯޓު އަލުން ހުޅުވާލީ އަލާމާތްތައް ފެނުނު ހުރިހާ އެންމެން ކަރަންޓީނު ކުރުމަށް ގާއިމްކުރެވުނު ރަށަށް ބަދަލުކުރުމަށް ފަހުގައެވެ.
ރިސޯޓު ހުޅުވާފައިވާއިރު އެޗްޕީއޭގެ އޮފިޝަލުން މިހާރުވެސް ރިސޯޓުގައި ހަރަކާތްތެރިވެ، ހާލަތު މޮނީޓާ ކުރަމުން އެބަދެއެވެ. އެކަން ރިސޯޓުގެ ފޭސްބުކް ޕޭޖުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އިތުރަށް ބުނެފައިވަނީ ރިސޯޓު ބަންދުކުރުމާ ގުޅިގެން ނުފުރި ތިބި ގެސްޓުންނަށް، އެއާލައިންތަކާ ވާހަކަ ދައްކައި ފުރޭނެ އިންތިޒާމު ރިސޯޓުން ހަމަޖައްސަމުން އަންނަ ކަމަށެވެ.
ކުރެއްދޫ ރިސޯޓުން މިއަދު ބުނި ގޮތުގައި ރިސޯޓު އަލުން ހުޅުވާލުމުން ޓޫރިސްޓުން ފޭބުމަށް ހުއްދަދީ، އެކަމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ. އެ ރިސޯޓުން ޓޫރިސްޓުންނަށް ފޭބޭނީ މެޑިކަލް ސްކްރީން ހެދުމަށްފަހު އެ މީހުންގެ ހާލު ރަނގަޅު ނަމަ ކަމަށެވެ.
އެ ރިސޯޓުން ބުނި ގޮތުގައި ޓޫރިސްޓުންނަށް ފޭބުމުގެ ހުއްދަ ދިން ނަމަވެސް މި ވަގުތަށް އެ ރިސޯޓަށް އާ ޓޫރިސްޓުން ނުގެންނާނެ އެވެ. އެ ރިސޯޓަށް އާ ބުކިން ނުނަގަން ނިންމާފައިވާއިރު ބުކިން ހަދާފައިވާ ޓޫރިސްޓުންނަށް ކްރައުންޑް އެންޑް ޗަމްޕާގެ އެހެން ރިސޯޓްތަކުން ޗުއްޓީ ދެމުންދާނެ ކަމަށް ކުރެއްދޫ ރިސޯޓުން ބުނެފައިވެ އެވެ.

