ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރާކަށް ނުވިސްނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައި ވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޤަޞްދު ނުކުރައްވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޤައުމާއި މުޚާތަބް ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން މަސައްކަތް މިކުރަނީ، ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާނުލައި ކުރިއަށް ގެންދަން ކަމަށާއި ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ރޭވިފައި ހުރި ގޮތަށް ކުރިއަށް ދާނެ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން މިހާރުވަނީ ފަށާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ ޕީ.އެސް.އައި.ޕީގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރަން މިހާރު ވަނީ ނިންމާފަ އި ކަމަށެވެ. އަދި ސަރުކާރުން ކުރާ ދަތުރުތަކާއި މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި އެފަދަ ބައެއް ޚަރަދުތައް ވެސް މިވަގުތަށް ވާނީ ކުޑަކޮށްލާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ވިޔަފާރިތަކަށް، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކްތަކާ އެކު މަރުކަޒީ ބޭންކު އެމް.އެމް.އޭ އިން އަންނަނީ މަސައްކަތް ކުރަމުން ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މިއަންނަނީ މަސައްކަތް ކުރަމުން ކަމަށާއި މިކަމުގައިވެސް އެކުވެރި ޤައުމުތަކުންނާއި މާލީ އިދާރާތަކުން ވަނީ ފެހި ސިގްނަލް ލިބިފައި ކަމަށް ވިދާޅުވިއެވެ.

”ކޯވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް. ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން. މިއީ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ވަކިން ޚާއްޞަކޮށް، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އަޅުގަނޑު އިލްތިމާސްކުރަން“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބަލިން ސަލާމަތްވުމަށް، ސަރުކާރުން ކުރަމުން މިއަންނަ މަސައްކަތުގައި ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ބޭނުންވޭ. ޚާއްޞަކޮށް ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން މިވަގުތު ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަޤީންކަން، ރާއްޖޭގައި މިވަގުތު ހުރި އަމިއްލަ ދެ ހޮސްޕިޓަލް ކަމަށްވާ އޭ.ޑީ.ކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު ވަނީ ދީފައި ކަމަށް ވިދާޅުވިއެވެ.

”ރާއްޖެއިން މި ބަލީގެ ނުރައްކާތެރިކަން ނައްތާލުމަށާއި ފެތުރުނަ ނުދިނުމަށް ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް، ދިވެހި ލޮބުވެތި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރެއިން ވެސް އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުންނާއި ނަރުހުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، މޯލްޑިވްސް ރެޑް ކްރެސެންޓް އަދި ސިފައިންނާއި ފުލުހުންގެ ނަން، ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން“ ރައީސް ވިދާޅުވިއެވެ.

މިބަލީގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްސާ ކުރުމުގައި ނޫސްވެރިން އަދާކުރާ ދައުރު ފާހަގަކޮށް، ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިވަގުތު ހުރިހާ ފަރާތްތަކުން އިސްކަން ދެއްވަންވީ، މި ކަމާ ގުޅޭ ގޮތުން ކަށަވަރު ޞައްޙަ މަޢުލޫމާތު ހާމަކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: