ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ހީނަރުކަމެއް މިހާރުވެސް އަތުވެއްޖެ ކަމަށާއި ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑު ހީނަރުކަމެއް އަންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަސްގެ ހާލަތާއި ގުޅިގެން ގައުމާއި މުޚާތަބް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާ ގޮތުން، ކޮވިޑް-19 ގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑަށް ލޮޅުން އަރާނެ ޤައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވޭ ކަމަށެވެ.
ރައީސް ވިދާޅުވީ މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ދަށަށް ހިނގައްޖެ ކަމަށާއި އަދި ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެއްޖެ ކަމަށެވެ.
މިހާރު ހަދާފައި ހުރި ބުކިންތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެއްވޭ ކަމަށާއި ސަރުކާރުން ކުރިން އަންދާޒާ ކުރީ މިއަހަރުގެ ފަތުރުވެރިކަން 8 އިންސައްތަ ކުރިއަރާނެ ކަމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން އަންދާޒާ ކޮށްގެން ތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށެވެ. ނަމަވެސް ކޮވިޑް19ގެ ސަބަބުން، އިޤްތިޞާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލުގެ ސަބަބުން، މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި ޢަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ބަލިން ރައްޔިތުން ރައްކާތެރިކުރުމުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވެސް، އަދި ރާއްޖޭގައި މި ބަލީގެ ޙާލަތު އޮތް ގޮތްވެސް، އެއްވެސް ފޮރުވުމެއް ސިއްރު ކުރުމެއް ނެތި ހާމަކުރަމުން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

