ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭންވެސް ފެނިފައިވާއިރު، އެ ބަލިން ރައްކާތެރިވުމަށް ރާއްޖޭން ކުރާ މަސައްކަތްތައް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ދިވެހި ސަރުކާރާއެކު ކުރެވެމުންދާކަމަށް ޗައިނާ އިން މިއަދު ބުނެފި އެވެ.
ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެފައިވާއިރު ޗައިނާގެ ސަފީރު ޖޭންގް ލީޖޮންގް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ޗައިނާ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތައް ދެނެގަތުމަށް ރާއްޖޭގެ މިނިސްޓަރުންނާއެކު ވަރަށް ގާތުން މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި ޗައިނާއިން އެހީ ހޯދުމަށް ދިވެހި ސަރުކާރުން ދެކޮޅު ހަދާފައި ނުވާ ކަމަށާއި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން ސަފީރު ފާހަގަ ކުރެއްވިއެވެ.
ޗައިނާ ސަފީރު މި ގޮތަށް ވިދާޅުވެފައިވަނީ އެބަލި ފެތުރުން ހުއްޓުވަން ރާއްޖޭން ކުރަމުންދާ މަސައްކަތަށް ޗައިނާއިން ސިއްހީ މާހިރުންގެ ޓީމައަކާއެކު ބޭސްފޯރުކޮށްދޭން އުޅުމުން، އެ އެހީ ދިވެހި ސަރުކާރުން ގަބޫލުނުކުރި ކަމުގެ ތުހުމަތު އިދިކޮޅުން ކުރުމާ ގުޅިގެންނެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ޗައިނާ އިން އެގައުމުގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކާއެކު މެޑިކަލް ސަޕްލައި ފޯރުކޮށްދޭން ހުށަހެޅުމުން ދިވެހި ސަރުކާރުން އެކަމަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުމަށް ސަރުކާރުން ނޫނެކޭ ބުނި ސަބަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސާފުކޮށްދޭންޖެހޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ޗައިނާއިން ރާއްޖެއަށް އެހީވުމުގެ މަޝްވަރާތައް ދެ ސަރުކާރުގެ ދެމެދުގައި ކުރިއަށްދާ ކަމަށް ސަފީރު ވިދާޅުވެފަިއވާއިރު ކޮރޯނާ ވައޮރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގެއްލުންތަކަށް ހައްލެއް ހޯދުމަށް ބައިނައްލޢުވާމީ އެކިއެކި މާލީ އިދާރާތަކާއި އަވަށްޓެރި ގައުމުތަކުގެ އިތުން އެހެން ވެސް ފަރާތަކާއި ވާހަކަ ދައްކައިގެން ލޯން އެހީއާއި ހިލޭ އެހީ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ރައީސް ސާލިޙް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ހޫބޭ ޕްރޮވިންސުން ފެނުނު ވައިރަސް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުފައިވާއިރު، ޗައިނާގައި އެ ބަލި ވަނީ 80،754 މީހުނަށް ޖެހިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް 3،136 މީހުން މަރުވެފައިވާއިރު، ފާއިތުވި ދެ ހަފްތާއެއްގެ ތެރޭގައި އެ ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.

