ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަ ރިޔާސީ ދައުރުގައި މުލިއާގޭގައި ހިދުމަތްކުރެއްވި ހަލީމް އަވަހާރަވެއްޖެ

މ. ފަތްކޯނި، އަހުމަދު ހަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަ ރިޔާސީ ދައުރެއްގައި މުލިއާގޭގައި ހިދުމަތްކުރެއްވި މ. ފަތްކޯނި، އަހުމަދު ހަލީމް އިއްޔެ އަވަހާރަވެއްޖެއެވެ.

ދައުލަތަކަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންފައިވާ ހަލީމް އަވަހާރަވީ އުމުރުފުޅުން 76 އަހަރުގައެވެ. ހަލީމްގެ ކަށުނަމާދު އޮތީ ރޭ 11:00ގައި އާސަހަރާ މިސްކިތުގައެވެ.

އޭނާ އަވަހާރަވުމާ ގުޅިގެން ހިތާމަފާޅުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވެފައިވަނީ، ދައުލަތަށް ބައި ގަރުނަށް ވުރެ ދިގު މުއްދަތެއްގެ އިހުލާސްތެރި ހިދުމަތެއް ކުރެއްވި ހަލީމްގެ ހިދުމަތުގެ ބޮޑު ބައެއް ހޭދަކުރެއްވީ މުލިއާގޭގައި ކަމަށެވެ. އަދި ހަ ރައީސުންގެ އަރިހުގައި ކަމޭހިތުމާއި ފަރުވާތެރިކަމާއެކު އޭނާ މަސައްކަތްކޮށްދެއްވި ކަމަށެވެ.

ހަލީމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ކުރީގެ ރައީސް ނަޝީދު އެކްސްގައި ވިދާޅުވީ ހަލީމަކީ ވަފާތެރިކަމާއި ޕްރޮފެޝަނަލް ކަމުގެ ނަމޫނާއެއް ކަމަށެވެ.

2021 ވަނަ އަހަރު ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގެންނެވި ހަލީމަކީ މުލީއާގެއަށް މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ދެއްވި ހަނދާނީ ފިލާ ވެސް ލިބިވަޑައިގެންނެވި ބޭފުޅެކެވެ.

ހަލީމް ދައުލަތަށް ހިދުމަތް ކުރެއްވުން ފެއްޓެވީ، ޖުލައި 5، 1971 ގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. ފެބުރުވަރީ 12، 1977 ގައި މުލިއާގޭގައި ހިދުމަތްކުރައްވަން ފެއްޓެވުމުގެ ކުރިން އޭނާ ސަރުކާރުގެ ހޮސްޕިޓަލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނުކަން ވެސް ކުރެއްވިއެވެ.

މުލީއާގޭ ފަރީއްކޮޅު ބެހައްޓުމާއި، ހެޑް ވީއައިޕީ ވެއިޓަރުކަމާއި، ޗީފް ވީއައިޕީ ވެއިޓަރުކަމާއި، ރިޔާސީ ގަނޑުވަރުގެ ސުޕަވައިޒަރުކަމާއި، ޖެނެރަލް ސާވިސަސް އޮފިސަރުކަމާއި، ޖެނެރަލް ސާވިސަސް ސުޕަވައިޒަރުން ވެސް އޭނާ އަދާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: