ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޑީސީ ފްލެޓު އަތުލާ ނުވަތަ ވިއްކާލާ މީހުން މާލޭ ދަފްތަރުގައި ޖައްސައިދޭން ކައުންސިލުން ނިންމައިފި

ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކޮށްފައިވާ ފްލެޓުތައް ލިބިފައިވާ މީހުންގެ ތެރެއިން، އެކި ސަބަބުތަކާ ހުރެ ކުލި ނުދެއްކިގެން ފްލެޓު ދޫކޮށްލަންޖެހޭ ނުވަތަ ވިއްކާލާ މީހުން މާލޭގެ ދަފްތަރުގައި ޖައްސައިދޭން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގައެވެ. މި ހުށަހެޅުން ޖަލްސާއަށް ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމްއެވެ.

މި ނިންމުން ނިންމަންޖެހުނު ސަބަބާ ގުޅޭގޮތުން މޭޔަރު އާޒިމް ވިދާޅުވީ، އެފްޑީސީ ފްލެޓުތަކަކީ މަހުން މަހަށް ކުލި ދައްކައިގެން މިލުކުކުރެވޭ ގޮތަށް ދޫކޮށްފައިވާ ތަންތަން ކަމަށްވާއިރު، ގަވާއިދުން ކުލި ނުދައްކާ ނަމަ އެ ތަންތަން އަތުލުމުގެ ބާރު ކޯޕަރޭޝަނަށް އޮންނަ ކަމަށެވެ.

ފްލެޓު ލިބުމާއެކު އެ މީހަކު މާލޭގެ ރަޖިސްޓްރީއަށް ބަދަލުވި ނަމަވެސް، މާލީ ދަތިކަމެއްގެ ސަބަބުން ފްލެޓު ގެއްލޭ ހާލަތުގައި އެ މީހަކަށް އެ ގޭގެ ރަޖިސްޓްރީވެސް ގެއްލި، ބޯހިޔާވަހިކަމެއް ނެތް މީހަކަށް ވެގެންދާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ މީހުން ބާކީނުކޮށް ދަފްތަރުގައި ޖައްސައިދޭން ޖެހޭ ކަމަށް މޭޔަރު ވަކާލާތު ކުރެއްވިއެވެ.

ކައުންސިލަރުންގެ ކަންބޮޑުވުންތައް

މި މައުޟޫއަށް ބަހުސްކުރެވުނުއިރު، ބައެއް ކައުންސިލަރުން ވަނީ މިކަމުގެ ސަބަބުން ނުކުމެދާނެ މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ކުލި ނުދެއްކިޔަސް ދަފްތަރުގައި ޖެހޭނެކަން އެނގުމުން ކުލި ނުދެއްކުން އާންމުވެދާނެ ކަމުގެ ބިރާއި، މިއީ ވިޔަފާރިއަކަށް ހަދައި ކޮންމެ ފަސް އަހަރަކުން ފްލެޓު ވިއްކާލުމަށްފަހު އަނެއްކާވެސް ދަފްތަރު މެދުވެރިކޮށް ފްލެޓު ހޯދުމުގެ ފުރުސަތު އޮތުން ހިމެނެއެވެ. ބައެއް ކައުންސިލަރުން ލަފާދެއްވީ އެ މީހެއްގެ ނުވަތަ މައިންބަފައިންގެ ބޯހިޔާވަހިކަމެއް އެހެން ރަށެއްގައި ހުރިތޯ ބަލައި ކަށަވަރު ކުރުމަށެވެ. ނަމަވެސް މޭޔަރު ވިދާޅުވީ އެފަދަ ޝަރުތުތަކެއް ކަނޑައެޅުމަކީ މިހާރު ދަފްތަރުގައި ތިބި މީހުންނަށްވެސް އެ ޝަރުތުތައް ލާންޖެހޭނެ ކަމެއް ކަމަށާއި، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖަލްސާގެ ނިންމުން

ދިގު ބަހުސަކަށްފަހު ކައުންސިލުން ނިންމީ، އެފަދަ ހާލަތެއްގައި ދަފްތަރުގައި މީހަކު ޖައްސަން ޖެހިއްޖެ ނަމަ، އެއީ އެ ހާލަތުގައި ދަފްތަރުގައި ޖެހުނު މީހެއްކަން އެނގޭނެ ފަދަ ޚާއްޞަ ގޮތަކަށް ރެކޯޑު ކުރާ ގޮތަށް ދަފްތަރުގައި ޖައްސައިދިނުމަށެވެ. މި ނިންމުން ފާސްވީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މިކަމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ ދެ ކައުންސިލަރުން ކަމަށްވާ މުހައްމަދު ރިލްވާން އަލީ އާއި އިސްމާއިލް ހަލީމްގެ އިތުރުން ޕީއެންސީގެ ކައުންސިލަރު އިބްރާހިމް ސަމާހުއެވެ.

އެފްޑީސީ ފްލެޓުތަކަށް ބަދަލުވާ މީހުން މާލޭގެ ރަޖިސްޓްރީގައި ޖެއްސުމުގެ މައްސަލައަކީ މިއަހަރުގެ ކުރީކޮޅުން ފެށިގެން ބޮޑު ބަހުސަކަށް ވެފައިވާ ކަމެކެވެ. ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވަނީ، އެފްޑީސީގެ ސޯޝަލް ހައުސިންގް ފްލެޓްތަކަކީ ރެންޓް-ޓު-އޯން އުސޫލުން ދޫކުރެވޭ ތަންތަނަށް ވާތީ، ފައިސާ އެއްކޮށް ދައްކާ ނުނިމުނު ކަމުގައި ވިޔަސް އެ މީހުން މާލޭގައި ރަޖިސްޓްރީވުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ. މިއަދުގެ ނިންމުމާއެކު، ފްލެޓް އަތުން ބީވެގެންދާ ފަރާތްތަކުގެ ރަޖިސްޓްރީގައި އެ މީހުންގެ އަތުން ފްލެޓް ބީވެފައިވާކަން އެނގޭނޭހެން އެކަން ބަޔާންކުރަން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: