ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންދޫގައި ހަލުވިކަމާއެކު ރޯގާ ފެތުރި، ސްކޫލުގެ ކިޔެވުމަށް ބޮޑު ބުރޫއެއް؛ ކައުންސިލުން ގޭގެއަށް ޒިޔާރަތްކުރަން ފަށަނީ

ފޮޓޯ ލަންދޫ ސްކޫލް
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ލަންދޫގައި ހަލުވިކަމާއެކު ފެތުރެމުންދާ ހުމާއި އަރިދަފުސް ރޯގާއެއްގެ ސަބަބުން، އެ ރަށު ސްކޫލުގެ ކިޔެވުމަށް ބޮޑު ބުރޫއެއް އަރައި، މިއަދު އެކަނިވެސް 152 ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ހާމަވެއްޖެއެވެ.

މިދިޔަ އަޟްހާ އީދު ބަންދަށްފަހު އެ ރަށުގައި ފެތުރެން ފެށި މި ރޯގާގެ ސަބަބުން، 218 ދަރިވަރުންގެ އާބާދީއެއް އޮންނަ ލަންދޫ ސްކޫލުގެ ހާޒިރީ ވަނީ ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން ޖޫން 1 ވަނަ ދުވަހު 82 ކުދިން، ޖޫން 2 ގައި 98 ކުދިން، އަދި އޭގެ އަނެއް ދުވަހު 48 ކުދިން ހާޒިރުނުވާއިރު، މިއަދު އެ އަދަދު ވަނީ 152 އަށް އުފުލިފައެވެ.

ލަންދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ގޮތުގައި، ރޯގާ ފެތުރެން ފެށީއްސުރެ ކޮންމެ ދުވަހަކު އެވްރެޖްކޮށް 45 މީހުން ޑޮކްޓަރަށް ދައްކަމުންދެއެވެ. ބަލިމީހުންގެ ކިބައިން ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ކެއްސުމުގެ އިތުރުން ކަރުގައި ރިއްސުން ހިމެނެއެވެ. އަދި ބަލީގެ ހާލަތު ބޮޑުވެގެން ދުވާލަކު ގާތްގަނޑަކަށް 5 މީހުން އެޑްމިޓްކުރަން ޖެހޭ ކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.

ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި މި ރޯގާއަކީ އިންފްލުއެންޒާ އޭ، ބީ، ސީ އަދި އަރިދަފުސް ރޯގާ (ARI) ގެ އެކި ވައިރަސްތަކުގެ ސަބަބުން ފެތުރެމުންދާ ރޯގާއެކެވެ. ވަކިން ހާއްސަކޮށް، 5 އަހަރުން ދަށުގެ ކުޑަކުދިންނަށް މި ބަލީގެ ނުރައްކާ ބޮޑުވެދާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅިގެން ލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ރޯގާ ކޮންޓްރޯލް ކުރުމަށް ޓަކައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ހާއްސަ މަޝްރޫއުތަކެއް ހިންގަން ފަށާފައިވާ ކަމަށެވެ. އަދި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ޓަކައި، ހޮސްޕިޓަލާއި ސިއްހީ މަރުކަޒަށް ޒިޔާރަތްކުރާ މީހުންގެ އަދަދު މަދުކުރުމަށް ސިއްހީ މަރުކަޒުން މިހާރު ވަނީ އެދިފައެވެ.

”މާދަމާއިން ފެށިގެން އަޅުގަނޑުމެން ގޭގެއަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމެއް ފަށާނަން. އޭގެ ބޭނުމަކީ ބަލި ޖެހިފައި ތިބި މީހުންނާއި ދަރިވަރުންގެ ހާލަތު ގާތުން ބަލައި، އެމީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން،“ ކައުންސިލް ރައީސް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ މި ދުވަސްވަރު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކެއްސާ ކިނބިހި އަޅާއިރު ރުމާލަކުން ނުވަތަ ޓިޝޫއަކުން އަނގަމަތި ނިވާކުރުމަށް އިރުޝާދު ދީފައެވެ. އަދި ބަލީގެ އަލާމާތްތައް ތިން ދުވަހަށް ވުރެ އިތުރުވާނަމަ ނުވަތަ ހާލަތު ގޯސްވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: