އއ. ބަތަލާ އައިލެންޑުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވީ އުމުރުން 70 އަހަރުގެ މީހާގެ ހާލަތަށް މާބޮޑު ބަދަލެއް ނައި ނަމަވެސް އޭނާގެ އޮކްސިޖަން ނުހިފަހައްޓާތީ އޮކްސިޖަން ދެމުންގެންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ އުމުރުން ދުވަސް ވީ އެ މީހާއަކީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެގެން ސޭންޑީސް ބަތަލާ ރިސޯޓުން ކަރަންޓީނުކުރި ދެމަފިރިންގެ ތެރެއިން އެކަކު ކަމަށެވެ. އެ ދެމަފިރިންވެސް ކަރަންޓީނުކޮށްފައި ތިބީ ފަރުކޮޅުފުށީގައެވެ. މަބްރޫކު ވިދާޅުވީ ވައިރަހުގެ އަސަރު ހުރީ ހަމައެކަނި ފިރިހެން މީހާގެ ގައިގައި އެކަނި ކަމަށެވެ.
އުމުރުން ދުވަސްވެފައިވާ މީހެއްކަމުން އޭނާގެ ހާލަތު ކައިރިން މޮނީޓާރ ކުރަމުން އަންނައިރު ޑރ. މުރާދު ވިދާޅުވީ އޭނާގެ ފަރާތުން ހުމުގެ އަސަރެއް ނުފެންނަކަމަށެވެ. އެހެން ނަމަވެސް، ހާލަތަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ޑޮކްޓާރ ފާހަގަކުރެއްވިއެވެ. ކޮރޯނާ ވައިރަސްއަށް ވަކި ހާއްސަ ފަރުވާއެއް ހޯދިފައިނުވާކަން ފާހަގަކުރައްވާ ޑރ. މުރާދު ވިދާޅުވީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ބުނުމަކީ އެންމެ ރަނގަޅުގޮތެއް ނޫން ކަމަށެވެ.
”މާނައަކީ މިހާރު އޭނާ އަށް އޮކްސިޖަން ދޭން ޖެހެޔޭ. އޮކްސިޖަން ދީގެން އޭނަގެ ހަށިގަނޑުގެ އޮކްސިޖަން ލެވެލް މި ވަގުތު ހިފަހެއްޓެނީ. އެއަށްވުރެ އިތުރަކަށް އޭނާ ގޯހެއް ނުވޭ. އޭނަގެ ކަންތައްތައް ހުރި ރަނގަޅަށް“ ޑރ. މުރާދު
ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ވަނީ އިއުލާނުކޮށްފައެވެ.
އަނަންތަރާ ދިގުއިން މިއަދު ފެނުނު ކޭސްއާއި އެކު ރާއްޖެއިން ފެނުނު ކޮރޯނާ ވައިރަސްގެ ޖުމްލަ އަދަދު 9 އަކަށް އަރައެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އެއަށްފަހު ދެން ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ.
މީގެ އިތުރުން މިރޭވެސް އިތުރު ފަތުރުވެރިންތަކަށް ވައިރަހަށް ޝައްކު ކުރެވި މޮނީޓާރ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

