ސިކްސް ސެންސަސް ލާމު ރިސޯޓްގައި ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިއަކު ރާއްޖެ އެތެވުމުގެ ކުރިން ކޮރޯނާއަށް ޕޮޒިޓިވި މީހަކާއި ކޮންޓެކްޓުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އެ މީހުން މޮނީޓާ ކުރުމުގެ މަސައްކަތް ފަށާ، އިތުރު ދެ މީހަކު އެކަހެރިކޮށްފިއެވެ.
ސިކްސް ސެންސަސް ލާމު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިން އައިސޮލޭޓުކޮށް އެ މީހުން މޮނީޓާރ ކުރާއިރު އެ މީހުންގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެނެއެވެ. އަދި އެކަހެރި ކުރި މީހުންގެ ފަރާތުން ވެސް ވައިރަސްގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދެއެވެ.
ސިކްސް ސެންސްގައި ޗުއްޓީ ހޭދަ ކުރަމުން އައި އެ ދެ މީހުން ރާއްޖެ އައުމުގެ ކުރިން ބައްދަލުވީ މީހަކު މިހާރު ކޮރޯނާއަށް ޕޮޒިޓިވްވެފައިވާތީ އެކަން އެޗްޕީއޭގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ރާއްޖެ އެތެރެވުމުގެ ކުރިން މި ދެ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހަކާއި އެ މީހުން އައި ގައުމުން ކޮންޓެކްޓް ވެފައި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
https://twitter.com/HPA_MV/status/1238558432761790465
މި ވައިރަހަށް ރާއްޖެއިން ނުވަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އެއަށްފަހު ދެން ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ. އޭގެ އިތުރުން އަނަންތަރާ ރިސޯޓުން ޝައްކުވީ މީހާ ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

