ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާހު ކުރަން ޖެހޭކަމެއް މި ސަރުކާރަށް ނުފެނޭ، ޔޫޓާން ނަގައިގެން ވާނެ ފައިދާއެއް ނެތް: ރައީސް ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުމުގެ ނަތީޖާއަކީ މަޖިލީހުގެ މިނިވަންކަން ގެއްލި، ރައްޔިތުންގެ ބަހެއް ނެތި ކަންކަން ނިންމުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ޖަލްސާ ވަނީ ބާއްވާފަ އެވެ. ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ރައީސް ސޯލިހު ވަނީ ސަރުކާރުން މަޖިލީހުގެ ތެރެއިން މެމްބަރުންނަށް ނުފޫޒު ފޯރުވަމުން ގެންދަވާކަމުގެ ތުހުމަތުކޮށްފަ އެވެ.

މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، މިއަދު ފެންނަމުންދަނީ މުޅި އައްޑޫއަށާއި މުޅި ރާއްޖެއަށް ދެރަވާނެ ފަދަ ނިންމުންތަކެއް ނިންމަމުންދާ މަންޒަރު ކަމަށެވެ. އަދި މި ނިންމުންތަކުގެ ސަބަބުން ރައްޔިތުން ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރު މި ފެންނަނީ ހަމައެއް ލަމައެއް ނެތް ގޮތަށް ކަންކަން ކުރަމުންދާ ތަން. އިސްލާހު ކުރަންޖެހޭ އެއްވެސް ކަމެއް ސަރުކާރަށް ފެންނަނީއެއް ނޫން

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ދައުލަތުގެ އެންމެ މުހިންމު ބާރަކީ ރައްޔިތުންގެ މަޖިލީހަށް ވީއިރު، އެ މަޖިލީހަކީ ސީދާ ރައްޔިތުންގެ ތަނެއްގެ ގޮތުގައި އޮންނަންޖެހެއެވެ. ނަމަވެސް، ޕީއެންސީގެ މެންބަރުން މަޖިލީހުގައި ތިއްބެވީ ރައްޔިތުންގެ ހާލަތު ބަލާކަށް ނޫންކަމަށާއި، އެ ބޭފުޅުންނަށް އެ މަސައްކަތް ކުރެވޭ ތަނެއް ފެނިވަޑައިނުގަންނަވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ސަރުކާރުން ބޮޑެތި ނިންމުންތައް ނިންމުމަށް ފަހު، ކުއްލި ގޮތަކަށް ޔޫޓާން ނަގަނީ ކީއްވެގެންތޯ ރައީސް ސޯލިހު ވަނީ ސުވާލު އުފައްދަވާފަ އެވެ. އެގޮތުން ސިނގިރޭޓުން ނަގާ ޑިއުޓީ ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރަން ނިންމުމަށްފަހު، އަލުން 7 ރުފިޔާއަށް ބަދަލުކުރީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯގެ ލަފައަށްކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކައަކީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫންކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ސުވާލު އުފެއްދެވީ ޑަބްލިއުއެޗްއޯ އަކީ ދުނިޔޭގައި ދުންފަތުގެ އަގު ކަނޑައަޅާ ތަނަކަށް ވީ ދުވަހަކާ މެދުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ މަޖިލީހަށް ސަރުކާރުން ކުއްލިއަކަށް ފޮނުވި ބިލެއް ފާސްކޮށް ދުންފަތާއި ދެކޮޅަށް ފިޔަވަޅު އަޅައި ރައްޔިތުންގެ އަތުން ބޮޑެތި ފީތައް ނެގުމަށް ނިމްމި ކަމަށެވެ. އެއީ ކޮން ދިރާސާއެއްގެ މައްޗަށް ބިނާކޮށް، އަދި ކިހާ މަޝްވަރާއެއް ކުރުމަށް ފަހު ފޮނުވި ބިލެއްކަން އެނގޭނެ ގޮތެއް ނެތްކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޖިލީހަށް ބިލު ފޮނުވުމާއި އެކު އިތުރު ސުވާލެއް ކުރުމެއް ، ނުވަތަ ބަހުސެއް ކުރުމެއް ނެތި ޕީއެންސީގެ މެމްބަރުން ވޯޓު ދީގެން ގަޑިއިރެއްގެ ތެރޭގައި ފާސްކުރިކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަކީ ސަރުކާރުން ފޮނުވާ ކޮންމެ ބިލެއް އޮތް ގޮތަށް ފާސްކުރަން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. އެ ބިލަކުން ނިކުންނާނެ ނަތީޖާއާއި ރައްޔިތުންނަށް ކުރާނެ އަސަރު ދިރާސާކޮށް އެކަން ރައްޔިތުންނަށް ހާމަކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ، ޕީއެންސީގެ ސުޕަ މެޖޯރިޓީގެ ރިމޯޓް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަންކަން ކުރުމުގެ ފުރުސަތު މަޖިލީހުގައި މިހާރު ނެތް ކަމަށާއި، މި ހާލަތު ބަދަލުކުރެވޭނީ މަޖިލީހަށް އެމްޑީޕީގެ މެންބަރުން އިންތިހާބުކޮށްގެންކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: