މުޖުތަމަޢު ރަނގަޅު މުޖުތަމަޢަކަށް ނުވަތަ ނުބައި މުޖުތަމަޢަކަށް ބަދަލުކުރަނީ އަހަރެމެން އަމިއްލައަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާގެ މަޢުލޫއަކީ ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ.
ޚުތުބާގައިވަނީ ޤައުމުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް ބަލާއިރު ރަނގަޅުކުރާންޖެހޭ ކަންތައްތައް އެބަހުރިކަން ފާހަގަކޮށްފައެވެ. އަދި މުޖުތަމަޢު ރަނގަޅު މުޖުތަމަޢަކަށް ނުވަތަ ނުބައި މުޖުތަމަޢަކަށް ބަދަލުކުރަނީ އަހަރެމެން އަމިއްލައަށްކަން ފާހަގަކޮށް މުޖުތަމަޢު އިޞްލާޙުކުރަން ތިބީ ވެސް ހަމަ އަހަރެމެންކަމަށާއި އިޞްލާޙުކުރާން މަސައްކަތްކުރާހާ ހިނދަކު، މާތް ﷲގެ މަދަދާއި އެހީތެރިކަން އެ ބަޔަކަށް ލިބޭނެކަމަށްވެސް ޚުތުބާގައި ބުނެފައިވާކަން ފާހަގަކުރެވެއެވެ.
ރަށެއްގެ އަހުލުވެރީންނަކީ މާތް ﷲއަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިވާ ބަޔަކަށްވެއްޖެނަމަ، އެކަލާނގެ އެ ބަޔަކަށް ތަނަވަސްކަމާއި ފުދުންތެރިކަން ދެއްވާނެކަމާއި އެއާ ޚިލާފަށް ޢަމަލުކުރާނަމަ އެ ބަޔަކު ހަލާކުކުރައްވައި ނެތިކުރެއްވުމަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވާކަމަށް މިއަދުގެ ހުކުރު ޚުތުބާގައިވަނީ ބުނެފައެވެ. އަދި ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކުރުމުގެ މަސައްކަތްކުރާނެ ބަޔަކު މުޖުތަމަޢުގައި އަބަދުވެސް ތިބެން ޖެހޭނެކަމަށް ޚުތުބާގައި ބުނެފަވެއެވެ.
”އެ ބައިމީހުންނަކީ ކާމިޔާބީގެ އަހުލުވެރީންކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ހެޔޮ ކަމުގެ މަގަށް ގޮވާ، އަދި ހެޔޮ ކަންތަކަށް އަމުރުކުރާ، އަދި ނުބައި ކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.“
ޚުތުބާގައިވަނީ މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ، މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރާން ޖެހިފައިކަމަށް ބުނެފައެވެ. އަދި މިފަދަ ކަންކަން ރަނގަޅުކުރެވޭނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ އިޖުތިމާޢީ މަސްއޫލިއްޔަތު ދަމަހައްޓައިގެންކަމަށް ޚުތުބާގައިވަނީ އެނެމެހާ މީސްތަކުންނަށް ހަނދާންކޮށްދީފައެވެ.
މިގޮތުން، މާތް ﷲއަށް އީމާންވުމާއި، ހެޔޮ ކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ހެޔޮ ކަންތައްތަކުގައި އެހީތެރިވުމާއި، ނުބައި ކަންކަމުން މުޖުތަމަޢު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ، އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައިވަނީ މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ތިމާގެ އަމިއްލަ މުދަލާއި، އަނބިދަރީންގެ ސަލާމަތަށް ޓަކައި ކުރެވޭ މަސައްކަތެއްކަމަށް ފާހަގަކޮށްފައެވެ.
”ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”މާތް ﷲ ކަނޑައަޅުއްވައިފައިވާ އިމުގައި ޤާއިމުވެ ހުންނަ މީހާއާއި، އެކަލާނގެ ކަނޑައަޅުއްވައިފައިވާ އިން ފަހަނަޅައިދާ މީހާގެ މިސާލަކީ ނަވެއްގައި ދަތުރުކުރި ބައެއްގެ މިސާލެވެ. ޤުރުޢަތު ލައިގެން އެއް ބަޔަކު ތިބޭން ޖެހުނީ ނަވުގެ މަތީބައިގައެވެ. އަނެއް ބަޔަކު ނަވުގެ އަޑީބައިގައެވެ. އަޑީބައިގައި ތިބޭ މީހުން ފެން ހޯދާންޖެހެނީ މަތީބައިގައި ތިބި މީހުންގެ ތެރެއިން ގޮހެވެ. ވީމާ، އަޑީގައި ތިބި މީހުން ބުންޏެވެ! އަހަރެމެން މި ތިބޭ ހިސާބުން ނަވުގެ އަޑީން ތަނެއް ފޫވައްޓައިލަމާ ހިނގާށެވެ! އެއިރުން މަތީގައި ތިބި މީހުންނަށް އުނދަގޫ ނުކޮށް އަހަރެމެންނަށް ފެން ލިބޭނެއެވެ. ފަހެ އެ މީހުން އެ ކުރާން އުޅުނު ކަންތައް ކުރާން އެ މީހުން ދޫކޮށްލައިފި ނަމަ، ނަވުގައި ދަތުރުކުރާ އެންމެން ހަލާކުވެދާހުށްޓެވެ. އަދި އެ މީހުންގެ އަތުގައިހިފަހައްޓައި އެ ކަން ހުއްޓުވައިފި ނަމަ، އެ މީހުންނާއި، ނަވުގައި ދެންތިބި މީހުން ވެސް، ސަލާމަތްވާހުށްޓެވެ.“
ޖުމްލަ ގޮތެއްގައި މިއަދުގެ ހުކުރު ޚުތުބާގައިވަނީ، މުޖުތަމަޢު ރަނގަޅު މުޖުތަމަޢަކަށް ނުވަތަ ނުބައި މުޖުތަމަޢަކަށް ބަދަލުކުރަނީ އަހަރެމެން އަމިއްލައަށް ކަމަށާއި، ހެޔޮ ކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ހެޔޮ ކަންތައްތަކުގައި އެހީތެރިވުމާއި، ނުބައި ކަންކަމުން މުޖުތަމަޢު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ، އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމަށް ބުނެފައެވެ. އަދި ޤައުމުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް ބަލާއިރު ރަނގަޅުކުރާންޖެހޭ ބައެއްކަންތައް އެބަހުރިކަން މިއަދުގެ ޚުތުބާގައި ވަނީ ހަދާންކޮށްދީފައެވެ.

