ކޮވިޑް-19 އިގެ ސަބަބުން ހާލަތަށް އަންނަ ބަދަލުތަކައެކު އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް، އެއްވެސް ތަފާތުކުރުމެއްނެތި އަޅުއްވަމުން ގެންދަވާނެކަމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅޭގޮތުން، ޢިއުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މައިމޫނާ ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޞިއްޙީ ނުތަނަވަސްކަމުން އަރައިގަތުމަށް ދިވެހިރާއްޖެއިން ދުރާލައި ފިޔަވަޅުއަޅަން ފަށާފައިވަކަމަށެވެ.
މީގެ އިތުރުން، މައިމޫނާ ވިދާޅުވީ މި ވަގުތަކީ މުޅި ދުނިޔޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށްފައިވާ ވަގުތަކަށްވާއިރު، ދިވެހިރާއްޖެއިން އަޅަމުން އަންނަ ކޮންމެ ފިޔަވަޅަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިރުޝާދުތަކާއެއްގޮތަށް އަޅަމުންދާ ފިޔަވަޅުތަކެއްކަމަށާއި، މި ހާލަތުގައި އެންމެ ބޮދު އިސްކަމެއްދީފައިވާނީ، ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަށް އެޅުންކަމަށް ވެސް މައިމޫނާ ވިދާޅުވިއެވެ. މި ގޮތުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތަށް ފިޔަވައި، އެހެނިހެން ދަތުރުތަށް ނުކުރުމަށާއި، ޢާންމުން ޖަމާވެ އުޅޭ ތަންތަނަށް އެއްވެނޫޅެވޭނެ އިންތިޒާމުތައް ހަމަޖައްސަވަމުންދާކަމަށް މައިމޫނާ ވިދާޅުވިއެވެ.
މައިމޫނާ ވިދާޅުވީ، މި ފަދަ ދަނޑިވަޅެއްގައި އެޅެންއޮތް އެންމެ ވަރުގަދަ ފިޔަވަޅަކީ ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުންކަމަށާއި، މި ގޮތުން ޢާންމު ސާފުތާހިރުކަމަށްދޭންޖެހޭ ސަމާލުކަންދިނުމާއި، ކަމާއިބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދުތަކަށް ބޯލެނބުމަކީ މި ދަނޑިވަޅުގައި ކުރުން މުހިންމުކަމެއްކަމަށެވެ.
ހަމަ އެހެންމެމައިމޫނާ ވިދާޅުވީ، ރާއްޖެގައި އަޅަމުންދާ ފިޔަވަޅުތަކަކީ، ކުރިއަށްއޮތް ދުވަސްތަކަށް ބެލުމަށްފަހު، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކެއްކަމަށެވެ.
ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން މަޑުމަޑުން ނަމަވެސް ދަނީ ގިނަވަމުންނެވެ.

