ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިކުއެޑޯގެ އަސްކަރިއްޔާއިން އާންމުން ގެއްލުވާލަމުންދާކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ

ފޮޓޯ/ އަލް ޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލެޓިން އެމެރިކާގެ އެންމެ އަމާން ގައުމުތަކުގެ ތެރޭގައި ހިމެނުނު އިކުއެޑޯރުގެ މަސްރަހު ގޯސްވެ، އެ ގައުމުގެ އަސްކަރިއްޔާއިން އާންމުން ހައްޔަރުކުރުމަށްފަހު ވީނުވީއެއް ނޭނގި ގެއްލުވާލަމުންދާކަމުގެ ތުހުމަތުތަކެއް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ކޮށްފިއެވެ.

މީގެ ކުރިން އަމާން ގައުމެއްގެ ގޮތުގައި އޮތް އިކުއެޑޯގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަގުވާމީ ގްރޫޕްތަކުގެ ނުފޫޒު ގަދަވެ، މަރުގެ ހާދިސާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ޓަކައި އެ ގައުމުގެ ރައީސް ޑެނިއަލް ނޮބޯއާ ވަނީ މުޅި ގައުމަށް ފުލުހުންނާއި ސިފައިން ނެރެ، ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފައްޓަވާފައެވެ. ނަމަވެސް، މި އޮޕަރޭޝަންތަކުގެ ތެރޭގައި އިންސާނީ ހައްގުތަކަށް އަރައިގަނެ، ގިނަ އަދަދެއްގެ ބަޔަކު ބާރުގެ ބޭނުންކޮށްގެން ގެއްލުވާލާފައިވާ ކަމަށް ތަހުގީގުތަކުން މިހާރު ވަނީ ހާމަވެފައެވެ.

އަލްޖަޒީރާއަށް ހަވާލާދީ، 2024 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގައި 51 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އިކުއެޑޯގެ އެކްޓިން އެޓާނީ ޖެނެރަލް ލިއޮނާޑޯ އަލާކޮން ވިދާޅުވި ގޮތުގައި، މި މައްސަލަތަކާ ގުޅިގެން 34 އިބްތިދާއީ ތަހުގީގެއް މިހާރު ދަނީ ކުރިއަށެވެ.

ގެއްލިފައިވާ މީހުންގެ އާއިލާތަކުން ބުނަމުންދަނީ ތަހުގީގުތައް ކުރިއަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށެވެ. މީގެ ތެރޭގައި ހިމެނޭ އެއް ހާދިސާއަކީ ޑިސެމްބަރު 9، 2024 ގައި ކާބޯތަކެތި ގަންނަން ނުކުތް ޖޮނަތަން ވިލޮން ނަމަކަށް ކިޔާ މީހަކު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ގެއްލުނު މައްސަލައެވެ. ސެކިއުރިޓީ ކެމެރާ ފޫޓޭޖްތަކުން އޭނާ ސިފައިންގެ ލޮރީއަކަށް އަރުވައިގެން ގެންދާ މަންޒަރު ފެނުނު ނަމަވެސް، އަސްކަރިއްޔާއިން ދަނީ އެ ސަރަހައްދުގައި އެދުވަހު އެއްވެސް އޮޕަރޭޝަނެއް ހިންގާފައި ނުވާނެ ކަމަށް ބުނެ އާއިލާއަށް މައުލޫމާތު ދިނުމަށް އިންކާރު ކުރަމުންނެވެ.

މީގެ އިތުރުން ”ދަ މަލްވީނަސް 4“ ގެ ނަމުން މަޝްހޫރުވި ހާދިސާގައި، ފުޓުބޯޅަ ކުޅެން އުޅުނު 11 އަހަރާއި 15 އަހަރާ ދެމެދުގެ ހަތަރު ކުއްޖަކު ސިފައިން ހައްޔަރުކުރި ފަހުން އެކުދިންގެ ހަށިގަނޑުތައް އަންދާލާފައި އޮއްވާ ފެނިފައިވެއެވެ. މި މައްސަލާގައި ބައިވެރިވި ބައެއް ސިފައިންނަށް 30 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް ވަނީ އިއްވާފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމިއްޔާތަކުން ބުނާ ގޮތުގައި، އަސްކަރިއްޔާއިން ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކަށް ޒިންމާދާރުކުރުވުމަކީ އިތުރު މީހުން ގެއްލުވާލުން ހުއްޓުވުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، އިކުއެޑޯގެ ރައީސްގެ އޮފީހުންނާއި އަސްކަރިއްޔާއިން މި ތުހުމަތުތަކާ ގުޅޭގޮތުން އަދިވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: