މަޑުމަޑުން ނަމަވެސް، ދިވެހިރާއްޖޭގައި އިތުރުވަމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެގޮތުން، މާފުށީ ޖަލު ސާފުކުރުމާއި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
މާފުށީ ޖަލުގެ އޮފިސަރުން މިއަދު ކުރިއަށްގެންދާ މި މަސައްކަތަކީ، އެއްމަސްދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމާއި ގުޅިގެން، ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެދަށުގައިވާ ޤައިދީންނާއި، އެ ތަނުގައި ވަޒީފާއަދާކުރަމުންދާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅެއްކަމަށް ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، ކަރެކްޝަނަލް ސާވިސްއިން ބުނީ، ޖަލުގެ ގޮޅިތަކާއި، ފާޚާނާތަކާއި، ކޮރިޑޯތަކާއި، ޤައިދީންނާއި ބަންދުކޮށްފައިތިބޭ މީހުން ބޭނުންކުރާ ޢާންމު ތަންތަން ވެސް ޑިސްއިންފެކްޓްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މި ހަރަކާތުގައި ކޮރޯނާ ވައިރަހާއި ގުޅޭ މަޢުލޫމާތު ޤައިދީންނާއި ހިއްސާކުރެވިގެންދާނޭކަމަށް ވެސް ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފައިވެއެވެ.

