އެމްޑީޕީގެ ޗެއާޕާސަން ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ނޫނީ ޕާޓީީ ގޮވައިގެން ކުރިއަށްދާނެ ލީޑަރެއް މިހާލަތުގައި ނުފެންނަ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ”ބޮޑު ބަދަލުގެ“ގެ ނަމުގައި ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ އާއްމު މެމްބަރުންނަށް ގައުމު އޮތް ހާލަތު ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އަދި މި ހާލަތުން އަރައިގަނެވޭނެ ގޮތްވެސް އެނގޭ ކަމަށެވެ. ޕާޓީގެ ތެރޭގައި ބައިވަރު ކަންބޮޑުވުންތައް ހުރި ކަމަށް ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ބައެއް މެމްބަރުން ހިތުގައި ޖެހިފައި ތިއްބަސް މިހާރު އޮތް ހާލަތުން ސަލާމަތް ވެވޭނީ އެމްޑީޕި ވަރުގަދަކޮށްގެންކަން ޕާޓީގެ އާންމު މެމްބަރުންނަށް އެނގޭކަމަށެވެ.
އޭނާ ވިދާޅުވީ، ޕާޓީގައި ބައެއް މެމްބަރުން އިހުސާސްތަކަށް ކިޔަމަންވާ ހަގީގަތް ގަބޫލުނުކުރާ މެމްބަރުން ތިބި ކަމަށެވެ. ނަމަވެސް އެ އިހުސާސްތަކަށް ވުރެ މިއަދު ގައުމުގެ ދަރިންގެ މުސްތަގުބަލު މާ މުހިންމު ކަމަށް ވިދާޅުވިއެވެ.
”ބައެއް ކަންކަން ހުންނާނެ ކޮންމެ ކޮންމެ މީހަކަށް ނުކުރެވޭ ކަންކަން. މިއަދު މި ޕާޓީއަށް ބޭނުންވަނީ، މި ޕާޓީގެ މެމްބަރުންނަށް، ދިވެހި ރައްޔިތުންނަށް އުއްމީދެއް ގެނެވޭނެ ގޮތެއް. އެ އުންމީދު ގެނައުމުގައި މީހާ ކިތައްމެ މޮޅަކަސް އެކަން ނުކުރެވޭނެ. އެއީ ހަގީގަތެއް، އެކަން ގަބޫލު ކުރަންޖެހޭނެ،“
ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދު ބަލައިގަންނަ މީހުން ރާއްޖޭގައި ވަރަށް ގިނަ ކަމަށެވެ. އަދި އެމަނިކުފާނު އެއްޗެއް ވިދާޅުވީމާ އެކަން ގަބޫލުކުރާނެ އަދި ގަބޫލުކުރާ ގިނަ ރައްޔިތުން ރާއްޖޭގައި ތިބި ކަމަށެވެ. އެމްޑީޕީ ކުރިއަށް ގެންދެވޭނެ އިތުރު އެހެން މީހަކު މިގައުމުންވެސް ނުފެންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އިންތިހާބު މިހާރު ވެސް އޮތީ ކާމިޔާބުވެފައި ކަމަށެވެ. އަދި އިންތިހާބު އޮންނަ ދުވަހު ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިމުގައި އާއްމު މެމްބަރުންގެ ޒިންމާ ބޮޑު ކަމަށާއި ވޯޓުލުމަށް އާންމު މެމްބަރުން ނެރެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

