ދުނިޔޭގެ ގައުމުތަކުން ކޮރޯނާ ވައިރަސް ފެންނަ މިންވަރު އިތުރުވެފައިވާއިރު، ރާއްޖެއަށް އިތުރު ޓެސްޓު ކިޓުތަކެއް ލިބިފައިވާ ކަމަށާއި އަދިވެސް ޓެސްޓިން ކެޕޭސިޓީ ބޮޑުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ވަނީ އިއުލާނުކޮށްފައެވެ.
ރާއްޖެއިން ފެނުނު ކޮރޯނާ ވައިރަސްގެ ޖުމްލަ އަދަދު 10 އަކަށް ވަނީ އާރާފައެވެ. އަދި މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި އާއި ވިލިވަރު ކަރަންޓީން ފެސިލިޓީގައި ބައެއް މީހުން އެބަތިއްބެވެ.
ވައިރަސްއާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް، ސަރުކާރުން ކޮންމެ ދުވަހަކު ދެ ފަހަރު ނޫސްވެރިންނާއި ހިއްސާކުރިއެވެ. އެގޮތުން، ހޮނިހިރު ދުވަހުގެ ރޭގަނޑު ބޭއްވި ޕްރެސްކޮންފަރެންސްގައިވާ ވާހަކަ ދައްކަވަމުން ސަރުކާރުން މިކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވައިރަހަށް ޓެސްޓް ކުރުމަށް ބޭނުންކުރާ އިތުރު ކިޓް ތަކައް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 5،000 ސްކްރީނިން ކިޓާއި، އަދި 1،000 ކިޓަކީ ސީދާ ކޮވިޑް19 ހުރިތޯ ބަލަން ޓެސްޓު ކުރާ ކިޓުތަކެއް ކަމަށެވެ. މަބްރޫކް ފާހަގަކުރެއްވި ގޮތުން ސްކްރީން ކިޓަކީ ކޮރޯނާ ވައިިރަހުގެ އެއްވެސް މިންވަރެއް ހަށިގަނޑުގައި ހުރިތޯ ބެލުމަށް ބޭނުންކުރާ ކިޓުތަކެކެވެ.
މަބްރޫކް ވިދާޅުވީ ރާއްޖޭގައި ވައިރަސްއަށް ޕޮޒިޓިވްވެފައި ހުރި ހުރިހާ ކޭސްތަކަކީ ވެސް ޑައިރެކްޓް އިމްޕޯޓެޑް ކޭސްތަކެއް ކަމަށެވެ.
ވައިރަސްއަށް ޕޮޒިޓިވް ވީ މީހުންގެ ތެރެއިން ފަސް މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އެއަށްފަހު ދެން ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ. އަދި އަނަންތަރާ ދިގުއިންވެސް އެކަކު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.
ވައިރަސް ފެތުރިޔަ ނުދިނުމަށްޓަކާ އަޅާ ފިޔަވަޅުތަކުގެ ދަށުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށް އިއުލާނުކޮށްފައެވެ.
އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ވަނީ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ލިބޭ ބާރުތަކުން މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ. އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.

