ދ. މީދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް ބާއްވާ އިތުރު ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު ހަވީރުގެ ނިޔަލަށް ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ވަގުތީ ލިސްޓުގައިވާ ގޮތުން، މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ މި އިންތިޚާބުގައި ޖުމްލަ 1049 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. ކޮމިޝަނުން ބުނި ގޮތުގައި، އާންމުކޮށްފައިވާ މި ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްނަމަ، މިއަދު ހަވީރު 4:00 ގެ ކުރިން އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅަންވާނެއެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދ. މީދޫގައި ބަހައްޓާ ދެ ފޮއްޓަކާއި، މާލޭގައި ބަހައްޓާ އެއް ފޮށީގައެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަނާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ވަނީ މުހިންމު ތަފްޞީލުތަކެއް ހާމަކުރައްވާފައެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 އަށް މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ އަދި ވިލިމާލެ) ގައި ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުން، މި ފަހަރުގެ އިންތިޚާބުގައިވެސް ވޯޓުލާނީ މާލޭގައެވެ.
ނަމަވެސް، ކުރިން ބޭއްވުނު އިންތިޚާބުތަކުގައި އެހެނިހެން ރަށްރަށާއި، ރިސޯޓުތަކުގެ އިތުރުން ޖަލުތަކުގައި ވޯޓުލާން ރަޖިސްޓަރީކުރި މީހުން، މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީކުރެވިފައިވާނީ އެމީހެއްގެ ރަށުގެ ދާއިމީ އެޑްރެހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.
މި އިންތިޚާބުގެ އިތުރު ބުރެއް ބާއްވަން ޖެހުނީ، އެ ރަށުގެ ދެވަނަ ވޯޓު ފޮށިން ނެގުނު ވޯޓު ކަރުދާހެއްގެ ސައްޙަކަމާ މެދު ސުވާލު އުފެދި، އެ މައްސަލައިގައި ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ. ކޯޓުގެ އެ ޙުކުމުގެ ސަބަބުން ކުރިން ބޭއްވި އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމުން، ޤާނޫނީ ގޮތުން ދެވަނަ ބުރެއް ބޭއްވުން ވަނީ ލާޒިމްވެފައެވެ.

