ޑޮލަރުގެ އަގު 20 ރުފިޔާއިން މައްޗަށް ގޮސް 30 ރުފިޔާއާއި ގާތްކޮށްފައި ވަނީ ދައުލަތަށް ލިބޭ ހުރިހާ ޑޮލަރެއް ދަރަނި އަދާކުރަން ހޭދަކުރާތީކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ރައީސް ނަޝީދު ކެމްޕެއިނަށް މިވަގުތު ހުންނެވީ ގދ. އަތޮޅުގަ އެވެ. ވޯޓަށް ތިން ދުވަހަށްވެފައިވާއިރު މިދިޔަ ދޮޅު މަހެއްގެ ތެރޭގައި ގިނަ ރަށްތަކަށް ދަތުރުކުރައްވައި ރައީސް ނަޝީދު ވަނީ ޕާޓީގެ އާންމު މެމްބަރުންނާއި ބައްދަލު ކުރައްވާފަ އެވެ.
މި ބައްދަލުވުންތަކުގައި އެއް ކަންބޮޑުވުމަކަށް ރައީސް ނަޝީދު ފާހަގަކުރައްވަނީ ދަރަނީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކެވެ. އަދި ސަރުކާރުން މާލީ ހާލަތު ރަނގަޅުވަމުންދާކަމަށް ބުނި ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ، އެއީ އޮޅުވާލުމުގެ ނިޔަތުގައި ދައްކާ ވާހަކަތައް ކަމަށެވެ.
ގދ. ހޯނޑެއްދޫއަށް މިއަދު ވަޑައިގެން އޮތް ބައްދަލުވުމުގައި ރައީސް ނަޝީދު ވިދަޅުވީ ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެ އިގްތިސާދު ނާޒުކު ފައްތަރަކަށް ވެއްޓިފައިވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވޭތުވެދިޔަ ދޮޅު މަހެއްހާ ދުވަހު ހުއްޓުމެއްނެތި ރަށްތަކަށް ދަތުރުކުރައްވަމުން ގެންދެވިއިރު ގައުމުގެ ހާލަތު ވަރަށް ގާތުން ފެނިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ފެހި ޤާނޫނުއަސާސީއަށް 18 އަހަރުވެ މި މުއްދަތުގެ ތެރޭގައި އިޖުތިމާއީ ރައްކާތެރިކަމުގެ ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތާއި، އާސަންދަ އަދި ފްރީ ޑިގްރީ ޕްރޮގްރާމާއި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާ އަދި އެއާޕޯޓްތައް ފަދަ އުމްރާނީ ތަރައްގީގެ ބޮޑެތި މަސައްކަތްތައް ކުރެވިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދަރަނި މިހާރު ހުރީ ގައުމީ އުފެއްދުންތެރިކަމުގެ 120 އިންސައްތައިގައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި ހާލަތުގައި ގައުމުވަނިކޮށް ނާގާބިލު ބަޔަކު ސަރުކާރު ހިންގަން ތިބުމަކީ ލިބޭ ގެއްލުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މިގޮތަށް ގައުމު އޮއްވާ ނާގާބިލު ބަޔަކާ ގައުމު ހަވާލުވެއްޖިއްޔާ، އަދި އެގޮތުގައި ގިނަ ދުވަސް ވެއްޖިއްޔާ ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެ
ރައީސް ނަޝީދު ވިދާޅުވީ ޑޮލަރު މައްސަލަ ހައްލު ކުރުމުގެ ނަމުގައި ސަރުކާރުން ގާނޫނުތައް ގެނެސްގެން ލިބުނު ނަތީޖާއެއް ނެތްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު 20 ރުފިޔާއިން މައްޗަށް ގޮސް 30 ރުފިޔާއާއި ދިމާލަށް މިސްރާބު ޖަހާފައިވަނީ ދައުލަތަށް ލިބޭ ހުރިހާ ޑޮލަރެއް ދަރަނި އަދާކުރަން ހޭދަކުރަން ޖެހުމުން ކަމަށެވެ. އަދި ބާޒާރުގައި ޑޮލަރު ލިބެން ނެތުމުގެ ނަތީޖާއަކީ ތަކެތީގެ އަގު އުފުލި އިންފްލޭޝަނަށް އަސަރު ކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ތިބޭފުޅުންގެ ޖީބުން ނަގާ ފައިސާއިން ދަރަނި އަދާކުރާންވެއްޖެނަމަ ތިބޭފުޅުން ނިކަމެތިވާނެ. އުނދަގޫވާނެ. ދަތިވާނެ. އަދި ތަނަވަސްވުމަށް ކުރެވޭ އުއްމީދުތަކަށް ހުރަސް އެޅޭނެ
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ޓެކްސް ބޮޑުކުރުމާއި ޑޮލަރުގެ އަގު އުފުލުމަކީ ރައްޔިތުންގެ އަތުން ސީދާ ގޮތެއްގައި ފައިސާ އަތުލުން ފަދަ ކަމެއްކަމަށާއި، މިއީ ގައުމު ނިކަމެތިވުމަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ. އަދި ޓެކްސްތައް މަތިކުރުމަކީ ވެސް ރައްޔިތުންގެ ޖީބުން ފައިސާ ނަގައިގެން ދަރަނި ދެއްކުން ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުން ނިކަމެތިވެ، ތަނަވަސްވުމަށް ކުރާ އުންމީދުތަކަށް ހުރަސް އެޅޭނެ ސަބަބެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

