މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ”ސައިބަރ ސޭފްޓީ-ބެލެނިވެރިންގެ އަތްމަތީ ފޮތް“ ލޯންޗުކޮށްފިއެވެ.
މިއަދު ލޯންޗުކުރެވުނު މި އަތްމަތީ ފޮތަކީ، އިންޓަނެޓާއި މީސްމީޑިއާގެ ވަސީލަތްތަށް ރައްކާތެރިގޮތުގައި ބޭނުންކުރުމަށް، ދަރިވަރުން ހޭލުންތެރިކޮށްދޭނެ ގޮތްތަށް ބެލެނިވެރިންނަށް އޮޅުންފިލުވައިދިނުމުގެ މަޤުޞަދުގައި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާއެެކު އެޑިއުކޭޝަނުން އެކުލަވާލާފައިވާ ފޮތެއްކަމަށް، އެޑިއުކޭޝަނުން ހާމަކޮށްފައިވެއެވެ.
މި އަތްމަތީ ފޮތް ލޯންޗްކޮށްދެއްވާފައިވަނީ، މި ކަމަށްޓަކައި ޚާއްސަކޮށްގެން މިއަދު އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.
މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވީ، މި ދުވަސްކޮޅަކީ ކޮވިޑް-19 އާއި ގުޅިގެން ސުކޫލުތައް ބަންދުކުރެވިފައިވާ މި ދުވަސްކޮޅުގައި ޓީވީއާއި އިންޓަނެޓުގެ ވަސީލަތްތައް ބޭނުންކޮށްގެން ފިލާވަޅުތައް ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރައްވަމުންދާ ކަމަށެވެ.
މީގެ އިތުރުން ޢައިޝަތު ޢަލީ ވިދާޅުވީ، މިއަދު މި ނެރުނު ފޮތުގައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަށް ބައްލަވައި، ބެލެނިވެރިންނާއި ދަރިވަރުންގެ ޢަމަލުތަށް އެއާ އެއްގޮތަށް ބައްޓަންކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރ ޙަމީދު ވިދާޅުވީ ބެލެނިވެރިން އަހުލުވެރިކުރުމަށްޓަކައި މިފަދަ ފޮތެއް ނެރުމުން އުފާކުރައްވާކަމަށާއި، ރާއްޖެއަކީ އިންޓަނެޓު ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރަމުންއަންނަ ތަނެއްކަމަޑެވެ.
ޙަމީދު ވިދާޅުވީ ސުކޫލުތަކުގައި ތަޢުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނާއި، ޢުމުރުން ހަގު ދަރިވަރުން މީސްމީޑިއާގެ އެކި މަންސަތައް ބޭނުންކުރަމުންދާ މިންވަރު އިންތިހާއަށް ގިނަކަން ފާހަގަކުރެވޭކަމަށެވެ.
މީގެ އިތުރުން، ޙަމީދު ވިދާޅުވީ މިކަމުގެ ސަބަބުން ސޯޝަލް މީޑިއާގެ ޒަރީޢާއިން ގަނާކުރުމާއި، އެކިއެކި ގޮތްގޮތުން ބުލެކްމެއިލްކުރުންފަދަ ކުށްތަށްދަނީ ގިނަވަމުންކަމަށެވެ.

