ދިވެހި ވަޠަނީ ހިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލި 1785 ޒުވާނުންގެ ތެރެއިން ހޮވުނު ފުރަތަމަ 352 ބައިވެރިން، ނޭޝަނަލް ސަރވިސް ޓްރޭނިންގެ ތިންވަނަ ބެޗުގެ ތަމްރީނުތަކަށް ފުރައިފިއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓަރުގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމަކީ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ތަމްރީނުތަކުގެ ތެރޭގައި ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތަކަށް ވުމާއި، ދީނީ ތަރުބިއްޔަތާއި، އަހްލާގާއި ސުލޫކުގެ އިތުރުން ލީޑަރޝިޕް އަދި ހަށިހެޔޮކަމުގެ ދާއިރާއިން ބައިވެރިން ތަމްރީނުކުރުން ހިމެނެއެވެ. މީގެ އިތުރުން، އަމަލީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން މި ޒުވާނުންނަށް މައުލޫމާތާއި ހުނަރު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. ދިވެހި ވަތަނީ ހިދުމަތުގެ މި ހަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޒުވާނުން ބިނާކުރުމަށް ގެންގުޅުއްވާ އެންމެ މުހިންމު އެއް ސިޔާސަތެވެ.
ނޭޝަނަލް ސަރވިސް ޓްރޭނިންގެ ތިންވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅުގެ 115 ރަށަކުން ޒުވާނުން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 64 އަންހެން ޒުވާނުންނާއި 288 ފިރިހެން ޒުވާނުންނެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަކީ ގައުމީ ހިދުމަތަށް ތައްޔާރުވެފައިވާ، އަދި ކަންކަމުގައި އިސްނަގައިގެން މަސައްކަތްކުރާނެ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.

