ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ބޮޑުކަންނެލީގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް ލުއިތަކެއްދީ، އިތުރު ލޯނު ފެސިލިޓީއެއް ދިނުމަށް ނިންމައިފި އެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން، މަސްވެރިކަމަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން، ސަރުކާރުން ވަނީ އެކްސްޕޯޓްކުރާ ފަރާތްތަކާއި މަސްވެރިންނާއި މަޝްވަރާކޮށް، މަސް ގަތުމަށް ވަގުތީ ހައްލެއް ގެނެސްފައެވެ. މަޝްވަރާއަށްފަހު ގެނައި ބަދަލުތަކާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއިން ބުނެފައިވަނީ، އޮޑިދޯނުފަހަރު ބަނުމަށާއި އިންޖީނު އެޅުމަށް މިހާރު ދޫކޮށްފައިވާ ލޯނުތަކަށް ލުޔެއް ދިނުމުގެ އިތުރުން، މަސް ގަންނަ ކުންފުނިތަކަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަޝްވަރާ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައިގެންނެވި އެވެ.
ސަރުކާރުން ވަނީ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން އިގްތިސޯދީ އެހީގެ ޕެކޭޖެއް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. ޕެކޭޖުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުއި ފަސޭހަ ގޮތެއްގައި ފައިނޭންސް ހަމަ ޖެހިގެން ދާނެ އެވެ.

