މެލޭޝިއާގައި ޗުއްޓީ ހޭދަކުރުމަށް އެނބުރި ރާއްޖެ އައި ކ. ގިލި ލަންކަން ފުށީގެ ދިވެހި މުވައްޒަފުގެ ފަރާތުން ކޮރޯނާ ވައިރަސްއަށް ޝައްކުވާ އަލާމާތްތަކެއް ފެންނާތީ އޭނާގެ ސާމްޕަލްތައް ނަގާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ވައިރަސްގެ އަލާމާތްތަކެއް ފެނުނު އެ ދިވެހި މީހާ މެލޭޝިއާއިން ރާއްޖެ އައިސްފައިވަނީ ކޮން ދުވަހަކު ކަމެއް އަދި ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް އެނާ ވަޒީފާއަށް ނިކުތް ފަހުން އަލާމާތްތަކެއް ފެންކަމަށް ފާހަގަކުރެވި އައިސޮލޭޓު ކުރިއެވެ.
ކޮރޯނާ ވައިރަހާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު، މަބުރޫކު އަޒީޒް ވިދާޅުވީ މިރޭ ވިދާޅުވީ ޝައްކުވާ ދިވެހި މުވައްޒަފަކީ މެލޭޝިއާއަށް ދަތުރުކޮށް ރިސޯޓަށް ދިޔަ ފަހުން އަލާމާތްތައް ފެނުނު މީހެއް ކަމަށެވެ.
މެލޭޝިއާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިރޭގެ ނިޔަލަށް 566 އަށް އަރައެވެ. އަދި އެ ވައިރަހަށް މިއަދު އެކަނިވެސް އެ ގައުމުން 138 މީހަކު ޕޮޒިޓިވް ވިއެވެ. އޭގެ ތެރެއިން 95 މީހުންނަކީ ކުއަލަލަންޕޫރުގައި ހުރި މިސްކިތައް ދިޔަ މީހެއްގެ ފަރާތުން އިންފެކްޓުވީ މީހުންކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ. ވައިރަސް ޖެހުނު މީހުންގެ ތެރެއިން 42 މީހަކު ވަނީ އެ ގައުމުން ރަނގަޅުވެފައެވެ. އަދި މިރޭގެ ނިޔަލަށް އެކްޓިވްކަމަށް ދައްކަނީ 524 ކޭސްއެކެވެ. އެތަނުން 9 މީހެއްގެ ހާލު ކްރިޓިކަލް ނުވަތަ ގޯސްކަމަށް ދައްކައެވެ.
ސަރުކާރުން ވަނީ މެލޭޝިއާގައި ތިބި، އެއްވެސް ދިވެއްސަކު އެހީތެރިކަން ބޭނުންވާނަމަ އެކަން އެންގުމަށް އެދިފައެވެ. ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި، މި މަސް ނިމެންދެން މުޅި މެލޭޝިއާ ލޮކްޑައުން ކުރުމަށް ވެސް މިހާރު ވަނީ ނިންމާފަ އެވެ.
ރާއްޖޭގައި ކޮރޯޏާ ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ 13 މީހުންގެ ތެރެއިން 9 މީހުން ނިސްބަތް ވަނީ އިޓަލީއަށެވެ. އަދި ތުރުކީ، ޖަރުމަން ވިލާތާއި ދެކުނު އެފްރިކާގެ އިތުރުން އިނގިރޭސި ވިލާތް މިއިން ކޮންމެ ގައުމަކަށް ވެސް ނިސްބަތްވާ އެކަކު ވަނީ ފެނިފައެވެ. ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި 7 އަންހެނުންނެވެ.

