ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބު ފަސްކޮށްފިނަމަ އީސީއަށް އިނގިލިދިއްކުރާނެ: ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބު ފަސްކުރާއިރަށް އިލެކްޝަން ކޮމިޝަނަށް އިނގިލި ދިއްކުރާނެކަމަށް، އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސް ކުރުމަށް އިލެކްޝަން ކޮމިޝަނުން ކޯޓަށް ހުށަހެޅުމުން، އެ ކޮމިޝަންގެ މެންބަރުން، މަޖިލީހުގެ މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ރޭ ބޭއްވި، އެ ކޮމިޓީގެބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ޚާއްސަ ހާލަތްތަކުގައި އިންތިޚާބުތައް ފަސްކުރަންޖެހޭ ދަނޑިވަޅުތަކުގައި، އީސީއަށް އެ ނިންމުން ނިންމުމުގެ ބާރުދިނުމަކީ އެދެވިގެންވާގޮތެއް ނޫންކަމަށެވެ.

މީގެ އިތުރުން، ޝަރީފް ވިދާޅުވީ، ޚާއްސަ ހާލަތްތަކުގައި ޢަމަލުކުރާނެގޮތްތަށް ޤާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ ކަމަށެވެ.ޝަރީފް ވިދާޅުވީ، އެ އިރެއްގައި އޮންނަ ސަރުކާރުން ބުނާގޮތް ހަދާކަމަށް ބުނެ އަބަދުވެސް އީސީއަށް އިނގިލި ދިއްކުރެވޭކަމަށެވެ.

 

 

”އިންތިޚާބު ފަސްކުރުމުގެ ދޮރު ޢާންމުކޮށް އީސީއަށް އޮވެގެންނުވާނެ. އެހެންނޫނީ އިންތިޚާބު ފަސްކުރާއިރަށް އީސީއަށް އިނގިލި ދިއްކުރާނެ“ ޝަރީފް ޝަރީފް ވިދާޅުވީ، އެ އިރެއްގައި އޮންނަ ސަރުކާރުން ބުނާގޮތް ހަދާކަމަށް ބުނެ އަބަދުވެސް އީސީއަށް އިނގިލި ދިއްކުރެވޭކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން، ޤާނޫނު ބުނާ މުއްދަތުގައި އިންތިޚާބު ބޭއްވޭނެގޮތެއް ނެތުމުން، އެ ކަމަށް ހައްލެއް ހޯދުމަށްޓަކައި ހައިކޯޓަށް މައްސަލަ ހުށަހެޅީ، ކުރިން ވެސް ޢަމަލުކުރަމުންދިޔަ އުސޫލުކަމަށްވާތީކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ކުރިން ކަނޑައެޅިފައިވާ ދުވަސް ފަސްކޮށްދިނުމަށްއެދި، އިލެކްޝަން ކޮމިޝަނުން މައްސަލަ ހުށަހެޅީ ހައކޯޓަށެވެ. ހައިކޯޓުން އެ މައްސަލަ ނެގުމަށްފަހު މިހާރުވަނީ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ލޯކަލް ކައުންސިލް ބޭއްވުމަށް ކަނޑައެޅިފައިވަނީ އަންނަ މަހު ހަތަރުވަނަ ދުވަހުއެވެ. އެހެންނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން، ދިވެހިރާއްޖެއަށް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނުކޮށްފައިވާތީ، ސިޔާސީ ޕާޓީތަކުންނާއި، ކެނޑިޑޭޓުން އެދެންފެށުމުން އީސީއިން ނިންމީ މައްސަލަ ކޯޓަށް ހުށަހެޅުމަށެވެ.

ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ އީސީގެ މި ނިންމުމަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. މި ގޮތުން، ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބު ލަސްކުރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައްޔިތުން މަޖިލީހުން ކުރަންޖެހޭކަމެއްކަމަށެވެ.

މީގެ އިތުރުން، އިންތިޚާބު ފަސްކުރަން ހުށަހެޅުމުން ކޮމިޓީގެ ބައެއް މެންބަރުންވަނީ އެކަމާ ނުރުހުންފާޅުކުރައްވާފައެވެ. މި ގޮތުން، ވާހަކަދެއްކެވި އެއް މެންބަރުކަމަށްވާ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ، މި މައްސަލައަށް ހައްލު ހޯދައިދެވޭނީ ސްޕްރީމް ކޯޓުން ކަމަކަށް މެންބަރުން ޤަބޫލުނުކުރައްވާކަމަށާއި، މި ކަމަށް ހައްލު ހޯދައިދިނުމަށް މަޖިލީހުން އޮތީ ތައްޔާރަށްކަމަށެވެ. މީގެ އިތުރުން، އަޙްމަދު ޢަބްދުﷲ ވިދާޅުވީ ޤާނޫނު އަސާސީ ބުނާގޮތުން ކޯޓުތަކަކީ ޤާނޫނު ބުނާގޮތަށް ޢަމަލުކުރަންޖެހޭ ތަންތަންކަމަށާއި، ޤާނޫނު ހެދުމުގެ ބާރެއް ކޯޓުތަކަކަށް ނޯންނަކަމަށެވެ.

މީގެ އިތުރުން ވާހަކަދެއްކެވި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމުގައި އޮތް ހައްލަކީ، ޤާނޫނަށް މާއްދާއެއް އިތުރުކުރުންކަމަށެވެ. މި ގޮތުން، އޮތް ހައްލަކީ، ޢާންމު އިންތިޚާބުތަކާބެހޭ ޤާނޫނަށް ބަދަލު ގެނައުން ނުވަތަ ޚާއްސަ ހާލަތްތަށް ނިމުމުން އުވޭނެ ފަދަ ”ސަންސެޓް“ ޤާނޫނެއް ފާސްކުރުންކަމަށެވެ.

ހަމަ އެހެންމެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދެއްކެވި އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު ވިދާޅުވީ، އިލެކްޝަން ކޮމިސަނުން ޢަމަލުކޮށްފައިވަނީ ރަނގަޅަށްކަމަށާއި، ހައިކޯޓަށާއި، ސްޕްރީމްކޯޓަށް ދުސްތޫރީ މައްސަލަތައް ބެލޭނެކަމަށް ޤާނޫނުގައި ބުނާކަމަށާއި، ހައްލެއްނެތް މައްސަލަތަކުގައި ކޯޓަށް ދެވިދާނެކަމަށެވެ.

ޢަލީ ޙަމީދުގެ މި ވާހަކައަށް ރައްދު ދެއްވަމުން ވިލިމާލޭ ދާއިރާގެ މެންބަރު އުޝާމް ވިދާޅުވީ، ޤާނޫނުއަސާސީގައިވާ ގޮތުން ދުސްތޫރީ މައްސަލައެއް ކޯޓުތަކަށް ބެލޭނީ، ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް މަނާކުރަންޖެހިއްޖެ ހާލަތެއްގައިކަމަށާއި، ނޫންނަމަ ދަޢުލަތުގެ އިދާރާއެއްގެ ނިންމުން ޤާނޫނުއަސާސީއާއި ޚިލާފުތޯ ބަލަންޖެހޭ ހާލަތްތަކުގައިކަމަށެވެ.

ކޮމިޓީގެ ބައްދަލުވުން ނިންމައިލައްވަމުން، ކޮމިޓީގެ މުޤައްރިރު މީދޫ ދާއިރާ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، މި ކަމުގައި ކުރަންޖެހޭ މަސައްކަތްތައް އަވަސްކަމާއެކު، އެ ކޮމިޓީން ކުރިއަށްގެންދާނެކަމަށާއި، މި ކަމުގައި ބަންޑާރަ ނައިބުގެ ލަފާފުޅު ވެސް ހޯއްދަވާނެކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: