އިތުރު ގަޑީގެ ފައިސާ (އޯޓީ) މުސާރައިގެ ތެރޭގައި ނުހިމަނައި، ގަޑިޖެހިގެން މުސާރައިން ކަނޑާ ފައިސާ، (ގަޑީލާރި) އުނި ނުކުރުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ސޮއި ކުރައްވާ ނެރުނު އެ ސާކިއުލާގައި ބުނެފައި ވަނީ، އިތުރު ގަޑީގެ ފައިސާ އާއި މުސާރައާ އިނާޔަތްތަކުން އުނިކުރާ ގަޑީލާރި އުނި އިތުރުކުރާނީ މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ކަމަށެވެ.
އެ ސާކިއުލާގައި ބުނެފައި ވަނީ ކުރިއަށް އޮތް ހަފްތާ ސަރުކާރު ބަންދުވާނެތީ، މިއަދުގެ މެންދުރު 2:00ގެ ކުރިން ސަރުކާރުގެ ހުރިހާ އޮފީހަކުން ވެސް މުސާރަ ދިނުމަށް ބޭނުންވާނެ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު ފިނޭންސަށް އީ-މެއިލް ކުރުމަށެވެ.
ކޮވިޑް-19އާ ގުޅިގެން ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރަންވަނީ ނިންމާފައެވެ. އަދި އެގޮތަށް ނިންމުމުން މުވައްޒަފުންނަށް މިމަހުގެ މުސާރަ ދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާންކޮށް މިނިސްޓްރީން ހޯމަ ދުވަހު ވަނީ ސަރުކާރުގެ ހުރިހާ އޮފީސްތަކަށް ސާކިއުލާއެއް ފޮނުވައިފަ އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުގެ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ ކުޑަކުރަން ވަނީ ނިންމާފައެވެ. އަދި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް އުނިކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޚަރަދު ކުޑަކުރުމަށްވެސް ފިނޭންސް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭން ކޮރޯނާ ވައިރަސް ފެނި، އިގްތިސޯދަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބަޔެއް އުނިކުރުމަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ އެމްޑީޕީންވެސް ވަނީ ނިންމާފައެވެ.
އެގޮތުން ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިގެ 20 ޕަސެންޓު އުނިކޮށްދިނުމަށް އެދި ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ނިންމާފައިވެއެވެ.
ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތު ދުވަހު ވިދާޅުވީ، ވައިރަހާ ގުޅިގެން އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެެއް އަންނާނެ ކަމަށެވެ.

