މާލެއާއި ވިލިމާލެއާއި، ހުޅުމާލެއާއި ރިސޯޓުތަކުގައި ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރުކުރުން މިއަދު ފެށިގެން މެދުކަނޑާލާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ، މިއަދުު މެންދުރު ނަމާދުންފެށިގެން، ހޮނިހިރު ދުވަހުގެ ޢަޞުރު ނަމާދާއި ހަމައަށް، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓައިލުމަށް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އެއްވެސް ރަށެއް ކަރަންޓީނުކޮށްފިނަމަ އެ ރަށެއްގައި ވެސް، މި އުސޫލުގެ ދަށުން ޢަމަލުކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޖަމާޢަތުގައި ނަމާދު ނުކުރިކަމުގައިވިޔަސް މިސްކިތްތައް ބަންދުނުކުރާނެކަމަށާއި، ކޮންމެ ވަގުތަކު ވެސް މިސްކިތުގައި ބަންގި ގޮވާނެކަމަށެވެ. ހަމަ އެހެންމެ މިސްކިތްތައް ސާފުތާހިރުކޮށް ބަލހައްޓަމުން ގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއިން މިސްކިތްތަކުގައި ނަމާދު ނުކުރަން ނިންމާފައިވާއިރު، ސަޢޫދީ ޢަރަބިއްޔާގެ މަސްޖިދުލްޙަރާމްއާއި، މަސްޖިދުއްނަބަވީގައި ޖަމާޢަތުގައި ނަމާދުކުރުންވަނީ ހުއްޓާލާފައެވެ.
ވައިރަސް ފެތުރިޔަ ނުދިނުމަށްޓަކާ އަޅާ ފިޔަވަޅުތަކުގެ ދަށުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށް އިއުލާނުކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން މިހާރު ވަނީ އިތުރު ހަފްތާއަކަށް ފަސްކޮށްފައެވެ.
ކޮރޯނާ ވައޮރަސްއާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަސްއަށް ޕްޒިޓިވްވެފައި ވަނީ 13 ފަރާތެކެވެ. އަދި ކޮރޯނާ ވައިރަސްއާއި ގުޅިގެން ސަރުކާރުން ގެންދަނީ މުހިންމު ނިންމުންތަކެއް ނިންމަމުންނެވެ.

