ރައްޔިތުން މަޖިލީހުގެ ”ޒިންމާ“، މަޖިލީހުން ފުރިހަމައަށް އަދާކުރަމުން ގެންދާނެކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ލިބިދާނެ ގެއްލުމަކަށްޓަކައި މަޖިލިސް ސަލާމަތް ކުރުމަށް، ޖަލްސާތައް މެދުކަނޑާލުމުގެ ބާރާއި އިޚުތިޔާރު މަޖިލީހުގެ ގަވާއިދުގެ 247 ވަނަ މާއްދާއިން މަޖިލީހުގެ ރިޔާސަތަށް ލިބިދީފައިވާ ކަމަށެވެ.
މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ، ޚާއްސަ ހާލަތެއްގައި ކުރިއަށްގެންދަންޖެހޭ ޖަލްސާއެއް ފިޔަވައި، މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލިޔަސް، މަޖިލީހުގެ ”ޒިންމާ“، މަޖިލީހުން އަދާކުރާނެކަމަށެވެ.
މީގެ އިތުރުން، ނަޝީދު ވިދާޅުވީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި، މަޖިލީސް ބަންދެއްނުކުރެވޭނެކަމަށާއި، މަޖިލީހުގެ މުވައްޒަފުން ދެން މަސައްކަތްކުރާނީ ގޭގައި ތިބެގެންކަމަށާއި، ސަރުކާރުން ކުރަންބޭނުންވާކަމަކަށް ޤާނޫނީ ޖާގަދޭން ޖެހިއްޖެ ހާލަތެއްގައި މަޖިލީހުން އެކަން ކުރާނެކަމަށެވެ.
ނަޝީދު ވިދާޅުވީ މާދަމާއިން ފެށިގެން، މެންބަރުންނާއި، މަޖިލީހުގެ މުވައްޒަފުން ގޭގައި ތިއްބެވިކަމުގައިވިޔަސް، އެއީ ޗުއްޓީ އެއް ނޫންކަމަށާއި، ކޮންމެ ވަގުތަކު ވެސް މަޖިލީހުގެ ޖަލްސާއަކަށް ވަޑައިގަތުމަށް މެންބަރުންނަށް ދަންނަވަންޖެހިދާނެކަމަށާއި، އެ ދަންނަވާ ގަޑިއަކަށް، އެ ދަންނަވާ ދުވަހަކަށް މަޖިލީހަށް ހާޒިރުވެވަޑައިގެންނެވޭފަދަ ގޮތަކަށް ތިއްބެވުމަކީ ބޭނުންތެރިކަމެއްކަމަށެވެ.
ހަމަ އެހެންމެ ނަޝީދު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެންއަޅާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތަކުގެ އަންދާޒާ، މަޖިލީހުގައި އޮންނަންޖެހޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހަކީ ކުރިމަތިވެދާނެކަމަކަށް ދުރާލައި ތައްޔާރަށް އޮންނަންޖެހޭ ތަނެއްކަމަށެވެ.
”މަޖިލީހުގެ ޖަލްސާތައް ބޭއްވޭނީ އެ އިރެއްގައި، އެ ޖަލްސާއެއް ބޭއްވުމަށް ކޮންމެހެން ލާޒިމު ކުރީމާ އެ ޖަލްސާއެއް. މީގެ މާނައަކީ ހޯމަ ދުވަހުގެ ޖަލްސާއެއް އޮންނާނެ ކަމަކަށް އަޅުގަނޑު އިޢުލާނެއް ނުކުރާނަން،“ ނަޝީދު
ނަޝީދު ވިދާޅުވީ، މަޖިލިސް ކުރިއަށް ގެންދަންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ، އާދީއްތަ ދުވަހުގެރޭ ދަންވަރު ޖަލްސާ ތާވަލް ކުރާނެކަމަށެވެ.

