އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ވެސް ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދޭނެކަމަށާއި، ދެމުންގެންދާ ޚިދުމަތްތަކަށް އެއްވެސް ބުރުލެއްނާރާނެކަމުގެ ޔަޤީންކަންދެއްވާކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު އާދަމް މުޙައްމަދު(އެޑަމް) ވިދާޅުވެއްޖެއެވެ.
އާދަމް ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން، އެ ތަނުގެ މަސައްކަތްތަކަށް މިހާރު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާނެކަމަށާއި، އެކިއެކި ހާލަތްތަކަށް މުވައްޒަފުން ހަމަޖައްސައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފައިވާނޭކަމަށެވެ.
އާދަމް ވިދާޅުވީ، މުވައްޒަފުން މަދުވުމުން އުނދަގޫތަކެއް ކުރިމަތިވާނެކަމަށާއި، އެހެންނަމަވެސް ވެމްކޯއިން މަސައްކަތްކުރަމުން މިދަނީ އެ މުވައްޒަފުންގެ ބަދަލުގައި، ވަގުތީގޮތުން އިތުރު ބަޔަކު މަސައްކަތައް ނެރެން މަސައްކަތްކުރައްވަމުންކަމަށެވެ.
މީގެ އިތުރުން، ވެމްކޯއިންވަނީ ކޮރޯނާ ވައިރަހުގެ ހާލަތު ގޯސްވެ، އޮރެންޖް އެލާރޓް ނެރުނުކަމުގައިވިޔަސް، އެ ތަނުގެ މަސައްކަތްތަކަށް ބުރުލެއްނާރާނެގޮތަށް ޕްލޭންތައް ތައްޔާރުކޮށްފައެވެ.
އާދަމް ވިދާޅުވީ ހުރިހައި މުވައްޒަފުން މިހާރު ޚިދުމަތްދޭން ނިކުތް ނަމަވެސް، ހާލަތު ބަދަލުވެއްޖެނަމަ އެ ދަނޑިވަޅުގައި ވެސް މަސައްކަތަށް ނިކުންނަން ޖެހިލުންނުވާ މުވައްޒަފުން އެބަތިބިކަމުގައި އެނގިވަޑައިގަންނަވާކަމަށެވެ.
އޮރެންޖް ނުވަތަ ރެޑް އެލާރޓަށް ރާއްޖޭގެ ހާލަތު ބަދަލުވާ ދަނޑިވަޅެއްގައި ވެސް، ވީހާ ވެސް މަދު މުވައްޒަފުންތަކަކާއެކު، ކުނި ނެގޭނެގޮތް ވެމްކޯއިންވަނީ އިންތިޒާމްކޮށްފައެވެ. އެފަދަ ހާލަތެއްގައި ކުނިނަގާނީ ގޭބީސީތަށް އެކި ބްލޮކްތަކަށް ބަހާލައިގެން ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައެވެ. އެފަދަ ވަގުތުތަކުގައު ގޭގެއަށް ވަނުމުގެ ބަދަލުގައި މަގުމައްޗަށް ކުނި ނެރޭނީ ކުރިން އިޢުލާނުކޮށްގެންނެވެ.
މި ހުރިހައި ފިޔަވަޅުތައް އަޅާނީ ވެސް، ހާލަތްތަށް ބަދަލުވާގޮތާމެދު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން، އެ ތަނުގައި ހުންނަ ޚާއްސަ ބޭފުޅެއްގެ އިރުޝާދާއި ލަފާގެ މަތިންކަމަށް އާދަމް ވިދާޅުވިއެވެ.
މީގެ އިތުރުން، ފްލޫ ކްލިނިކްތަކާއި، ފަރުކޮޅުފުށި ކަރަންޓީނު ފެސިލިޓީން ކުނި ނަގަންދާނީ މުޅި ހަށިގަނޑު ނިވައިވާގޮތަށް ތައްޔާރުކުރެވިފައި ހުންނަ ހެދުން އަޅައިގެން ތިބޭ މީހުންނެވެ. އެ މީހުން ނަގާ ކުނި ގެންދާނީ، ހުޅުމާލޭގައި ކުނިއަޅަން ކަނޑައަޅާފައިވާ ތަނަކަށެވެ. އެތަނަށް ކުނި ގެންގޮސް ކުނި ނައްތާލުމަށްފަހު، ކުނިގެންދާ މީހުން އަރައިގެން ހުންނަ ބޫޓޫ ފިޔަވައި އެހެން އެއްޗެއް ދެވަނަ ފަހަރަކު ބޭނުމެއްނުކުރާނެއެވެ.
މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ވެސް ކުނިނަގަމުންދާނީ ވަކި ބައެކެވެ. އެ މީހުން ތިބޭނީ ޚާއްސަ އަންގިއެއް ލައްވައިގެން މާސްކް އަޅައިގެންނެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން، ކޮންމެ އުޅަނދެއްގައި ވެސް ސެނިޓައިޒާ ބެހެއްޓުމުގެ އިތުރުން، ކުނިނަގައި ނިންމާފައި ވެމްކޯގެ އޭރިއާއަށް މުވައްޒަފުން އައުމުން އަތްދޮވެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެއެވެ. ހަމަ އެހެންމެ ކޮންމެ އުޅަނދެއް ވެސް ޑިސްއިންފެކްޓް ކުރެވެއެވެ. އަދި ސަފާރީތަކުން ކުނި ނަގާނީ ވެސް، އެ ކަމަށް ޚާއްސަކޮށްފައި ތިބޭ ވަކި ބައެކެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ވެމްކޯގެ 600 މުވައްޒަފުން ޚިދުމަތްދެމުން ގެންދެއެވެ. އޭގެތެރޭގައި ކުނި ނަގަން ވެސް 55 އަހަރަށްވުރެ ދޮށީ މީހުން އުޅެއެވެ. އެހެންކަމުން ވެމްކޯއިންވަނީ 55 އަހަރަށްވުރެ ދޮށީ މީހުން މަސައްކަތަށް ނުނެރޭގޮތަށް ހަމަޖައްސާފައެވެ.
އާދަމް ވިދާޅުވި ގޮތުގައި، ވެމްކޯއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކުންފުންޏަށް ލިބޭ އެއްޗަކަށްވުރެ ހޭދަވާ ޚަރަދުތައް ބޮޑުވުންކަމުގައެވެ. މި ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ތަކެތި ހޯދުމަށް ބޮޑު ޚަރަދެއްދިޔަކަމަށް އެޑަމް ވިދާޅުވިއެވެ.

