ކޮވިޑް-19އަށް ޝައްކުކުރެވޭ ޢަލާމާތްތައް ފެނިގެން، ތިން ދިވެއްސެއްގެ ސާމްޕަލްނަގައިފާވާ ކަމަށް ކޮރޯނާ ވައިރަސްގެ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ސަރުކަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބަރުގޭގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ޢަޒީޒު ވިދާޅުވީ، އެ ތިން މީހުންގެތެރެއިން ދެ މީހުންނަކީ، ސ.މަރަދޫ ދެ މީހުންކަމަށާއި، ދެންހުރި މިހާއަކީ ތ.ގުރައިދޫ މީހެއްކަމަށެވެ.
މަބްރޫކް ވިދާޅުވީ މަރަދޫ ދެ މީހުންނަކީ މެލޭޝިޔާއިންއައި ދެ މީހުންކަމަށާއި، ދެންހުރި މީހާއަކީ އިންޑިއާއިންއައި މީހެއްކަމަށާއި، މެލޭޝިޔާއިންއައި މީހާ އެނބުރި ރާއްޖެއައީ، މެލޭޝިޔާއިން ރާއްޖެއަށް މީހުންއައުން މަނާކުރުމުގެ ކުރިންކަމަށެވެ.
ކޮރޯނަ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން، ޝައްކުކުރެވޭ ފަރާތްތަށް ސަރުކާރުން ދަނީ ޓެސްޓުކުރެވެމުންނެވެ. މި ގޮތުގެ މަތީން ބޭރު ޤައުމުތަކުން އެނބުރިއައި ހަތް ދިވެއްސަކުވަނީ، ޝައްކުކުރެވޭފަދަ އަލާމާތްތައް ފެނިގެން ޓެސްޓް ހެދުމަށް ސާމްޕަލްނަގައި، އެކަހެރިކުރެވިފައެވެ.
އޭގެތެރެއިން ފަސް މީހުންނަކީ ކޮވިޑް-19 ފެތުރެންފަށާފައިވާ އިންޑިއާގެ ޓްރިވެންޑްރަމްއިންއައި ދ،ކުދަހުވަދޫ މީހަކާއި، އއ.އުކުޅަސް މީހަކާއި، ކޮޗިންއިންއައި ސ.ހިތަދޫ މީހަކާއި، ރ.ފައިނު މީހަކާއި، ބެންގަލޫރުންއައި މާލޭ މީހެކެވެ. މީގެ އިތުރުން، ދެ ހިމެނޭ ދެ މީހުންނަކީ، އަވަށްޓެރި ސްރީލަންކާއިންއައި މާލޭ މީހަކާއި، ޅ.ހިންނަވަރު މީހެކެވެ.
މި ހުރިހާ ފަރާތްތަކުގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.
މިހާތަނަށް މި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ 13 މީހަކު ފެނިފައިވާއިރު، އެ ހުރިހައި މީހުންނަކީ ވެސް ބިދޭސީންނެވެ.

