ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިލަމް ނަޝީދަށް: ކައުންސިލް އިންތިހާބަށް މިހާރު ދިމާވެފައިވާ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ބުނަނީ ދައުލަތް ހިނގާ ގޮތް ނޭނގޭ މީހުން!

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް . އަދި މަޖިލީހުގެ ރައީސް ރައީސް ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުސްތޫރީ ހުސްކަމެއް ހައްލު ހޯދުމަށް މަޖިލީހަށާއި ތަންފީޒީ ބާރަށް އުނދަގޫވާ ޙާލަތުގައި އެކަން ކުރެވޭނެ ހަމައެކަނި މަގަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށާއި ސުޕްރީމް ކޯޓަށް އެ ބާރު ނެތްކަމަށް ބުނެ ވަކާލާތުކުރުމަކީ ދައުލަތް ހިނގާ ގޮތާއި ދައުލަތުގެ ބާރުތައް ވަކިވުމުގެ މާނަ ނޭނގޭ މީހުން ކުރަމުން އަންނަ ކަމެއް ކަމަށް ކޮރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ވިދާޅުވެއްޖެއެވެ. 

ކުރީގެ އިސް ގާޒީ ހައިލަމް މިފަދައިން ވިދާޅުވީ ލޯކަލްކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމުގެ ބާރު ނުވަތަ ކައުންސިލްއިންތިހާބާއި ގުޅޭ ގޮތުން މިހާރު ދިމާވެފަިއވާ މައްސަލައަށް ހައްލެއް ހޯދުމުގެ ބާރަކީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. 

ހައިލަމް އޭނާގެ އަމިއްލަފުޅު ބޮލްގް ”އަހުމަދު ހައިލަމް.ކޮމް“ ގައި މިހާރު ދިވެހިރާއްޖެއަށް ވެސް ދިމާމެވައިވާ ކޮރޯނާ ވައިރަސްގެ ސަބަބުން ކައުންސިލް އިންތިހާބު ފަސްކުރުމުން ދިމާވާނެ ގާނޫނީ މައްސަލަތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ގައުމަށް ބޮޑު ނުރައްކަލެއް ނުވަތަ ބަލިމަޑުކަމެއް ދިމާވެއްޖެ ހާލަތުގައި ކައުންސިލް އިންތިހާބު ފަސްކުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތްތަކާއި ދިމާވާ ނުވަތަ ދިމާވެދާނެ ދުސްތޫރީ މައްސަލަތަކަށް ހައްލު ހޯދާނެ ގޮތް ތަފްސީސީލީ ގޮތެއް ވަނީ ވިދާޅުވެ ދެއްވާފައެވެ. 

އެގޮތުން ހައިލަމް ވެސް ގަބޫލުފުޅު ކުރައްވާ ގޮތުގައި  އެއްވެސް މީހަކު މިވަގުތު ދެބަސްނުވާ ކަމަކީ ޤާނޫނުތަކުގައި ކަނޑައެޅިފައިވާ ވަގުތަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވޭނެ ކަމެވެ. އަދި ބާއްވަން އުޅުމަކީ ރާއްޖެއަށާއި މުޅި ދުނިޔެއަށް މިއަދު ދިމާވެފައިވާ ޞިއްޙީ ނުރައްކަލުގެ ޙާލަތަށްޓަކައި ކޮށްގެން ނުވާނޭ ކަމެއްކަމެވެ.

ހައިލަމް ވިދާޅުވާ ގޮތުގައި އިންތިޚާބު ޖެހެނީ ޤާނޫނު ބުނާ ވަގުތަށް ވުރެ ފަސްވާށެވެ. އަދި މިހާރު އިންތިޚާބުވެފައި އޮތް ކައުންސިލްތަކުގެ ޢުމުރު ޖެހެނީ ޤާނޫނު ބުނާ މިންވަރަށް ވުރެ ދިގުވާށެވެ. ޤާނޫނު އޮތް ގޮތުން އިންތިޚާބު ފަސްކުރެވޭކަށް ނެތެވެ. ޤާނޫނުގައި އިންތިޚާބު ބޭއްވުމަށާއި އިންތިޚާބާ ގުޅިގެން ކުރާ ކަންކަން ކުރުމަށް މުއްދަތުތަކެއް ކަނޑައަޅާފައިވާތީއެވެ. އަދި މިހާރު އޮތް ކައުންސިލްތަކުގެ ޢުމުރު ޤާނޫނު ބުނާ ގޮތުން ތިން އަހަރު ދުވަހުން ހަމަވީއެވެ. އެޢުމުރު އެޔަށްވުރެ ދިގުކުރެވޭކަށް ނެތެވެ. މިދެ ކަންތައް އެއްފަހަރާ ދިމާވުމުގެ ނަތީޖާއަކަށްވާނީ ޤާނޫނުއަސާސީއާއި ލާމަރުކަޒީ ޤާނޫނުން ހުރިހާ ވަގުތެއްގައިމެ އޮތުން ލާޒިމުކޮށްފައިވާ ޤާނޫނީ ކިޔާނެއްކަމުގައިވާ ކައުންސިލްތައް ވުޖޫދުވެ ނޯންނާނެ ދުވަސްތަކެއް ކުރިމަތިވެގެން އައުންކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. ހައިލަމް ވިދާޅުވި ގޮތުގައި ސާފު ކުރު ބަހުން ޤާނޫނީ ޢިލްމުގައި މިޔަށް ކިޔަނީ ޤާނޫނީ ހުސްކަމެއް އައުމެވެ. ނުވަތަ ޤައުމު ދުސްތޫރީ ހުސްކަމަކަށް ދިއުމެވެ.

ޤާނޫނުއަސާސީއާއި ޤާނޫނުތައް ހަދަނީ އެއިން ފޫނުބެދި އޮވެދާނެ ކަމެއް ނޯންނާނެކަމަށް ބަލައިގެންނެއް ނޫނެވެ. އެހެންކަމާއެކު ޤައުމު ދުސްތޫރީ ހުސްކަމަކަށް ނުވަތަ ޤާނޫނީ ހުސްކަމަކަށް އަތުވެދާނެ ޙާލަތެއް ދިމާވުމަކީ އަބަދުވެސް ޤާނޫނީ ނިޒާމުތަކުގައި އަދި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުވެސް ވަރަށް ރަނގަޅަށް ދެނެގަނެފައި އޮތް ކަމެެއް ކަމަށް ހައިލަމް ވިދާޅުވެފައިވެއެވެ. އެކަމުގެ މުހިންމުކަމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ވެސް އަދި ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ދުސްތޫރީ ހުސްކަމެއް ފޫބެއްދުމަކީ ދައުލަތުގެ ތިން ބާރުގެ އިޚްތިޞާޞް ވެސް ހިނގާކަމެއްގެ ގޮތުގައި ހަދާފައިވާކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. ސަބަބަކީ ދައުލަތް ހިންގުމުގެ ތިންބާރު އެއްބާރުލުންދީގެން ނޫން ގޮތަކަށް ޤާނޫނީ ހުސްކަމެއް ފޫނުބެއްދޭނެތީކަން ހައިލަމް ވަނީ ފާހަގަ ކުރައްވާފައެވެ.

މިހާރު ދިމާވެގެން މިއުޅޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މައްސަލައަށް ބަލާއިރު، މިޔަށްވުރެ ފަސޭހައިން ޙައްލުކުރެވޭނެ ޤާނޫނީ ހުސްކަމެއް މިހާތަނަށް ރާއްޖެއަށް ކުރިމަތިވެފައި ނުވާކަމަށް ހައިލަމް ދެކެވަޑައިގަންނަވައެވެ. ސަބަބަކީ ރާއްޖެ މިއަދު އޮތް ޙާލަތުގައި ސިޔާސީ ދެކޮޅުވެރިކަމެއް ނެތުމާއި އިންތިޚާބު ލަސްކުރުމަކީ އެންމެން ބޭނުންވެފައި ތިބި ކަމެއްކަމުގައިވުމެވެ.

އާދަޔާ ޚިލާފު ބަލިމަޑުކަމެއް ޤައުމަށް ދިމާވުމުގެ ޙާލަތަކީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުން ރައީސުލްޖުމްހޫރިއްޔާއަށް ހުއްދަލިބިގެންދާ ކަމެކެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގައި ޤާނޫނީ ގޮތުން ބައެއް ކަންކަމަށް ޢަމަލުކުރުން ހުއްޓާލުމަކީ ޤާނޫނުއަސާސީން އެޙާލަތުގައި ކަނޑައެޅިގެން ހުއްދަކޮށްފައި އޮންނަ ކަމެކެވެ.

އެހެން ކަމުން ހައިލަމް ވިދާޅުވި ގޮތުގައި  ރާއްޖެ މިހާރު އޮތް ޙާލަތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ލާމަރުކަޒީ ޤާނޫނުގެ އިންތިޚާބުގެ ކަމާބެހޭ މާއްދާތަކަށް ޢަމަލުކުރުން ސަސްޕެންޑްކުރުމުން މައްސަލަ ހައްލުވީއެވެ. ކުއްލި ނުރައްކަލުގެ އެ ޤަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެކަމާ ދެބަސްވާނެ އިދިކޮޅު ސިޔާސީ ފަރާތެއް ވެސް ހުރި ކަމަކަށް ހައިލަމް ދެކެވަޑައެއް ނުގަންނަވައެވެ. އަދި އެޤަރާރު ހިފައިގެން ސުޕްރީމް ކޯޓަށް ދިއުމުން ސުޕްރީމް ކޯޓުން ވެސް އެހެން ގޮތަކަށް ބުނާނެ ޖާގައެއް އޮތް ކަމަކަށް ވެސް ހައިލަމް ގަބޫލުފުޅެއް ނުކުރައްވައެވެ. ހަމައެހެންމެ  ދުސްތޫރީ ކޮންމެ ހުސްކަމެއް ކުއްލި ނުރައްކަލުގެ ޤަރާރަކުން ޙައްލެއް ނުކުރެވޭނެ ކަމާއި އަދި އަމުދުން ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި ނެތް ދަނޑިވަޅުތަކުގައިއެކަން ނުކުރެވޭނެކަން ހައިލަމް ގަބޫލުފުޅު ކުރައްވައެވެ. ނަމަވެސް މިއަދު ރާއްޖެ އޮތް ގޮތަށް ބަލާއިރު ދިމާވެގެން މިއުޅެނީ މައްސަލައެއް ވެސް ން ކަމަށް ހައިލަމް ވިދާޅުވިއެވެ.

ދެން އޮތީ އިންތިހާބުތަކާއި ގުޅިގެން ދިމާވާ ދުސްތޫރީ މައްސަލަތަކުގެ ވާހަކައެވެ. އިންތިހާބާއި ގުޅިގެން އަންނަ ދުސްތޫރީ ހުސްކަމަށް ހައްލު ހޯދުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވޭތޯ ނުވަތަ ނޫނސްތޯ ބުނެ އުފައްދާ ސުވާލެވެ. މި ސުވާލު އެންމެ ބޮޑަށް ަުފައްދަވާ އެއް ބޭފުޅަކީ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއެވެ. ރައީސް ނަޝީދުގެ މި ސުވާލުތަކަށް ކުރީގެ އިސް ގާޒީ ހައިލަމް މިވަނީ ގާނޫނީ ރައްދެއް ދެއްވާފައެވެ.

އެގޮތުން ހައިލްމް ވިދާޅުވާ ގޮތުގައި ދުސްތޫރީ ނުވަތަ ޤާނޫނީ ހުސްކަމެއް ފޫބެއްދުމުގެ އެންމެ އަސާސީ ގޮތަކީ ޤާނޫނު ހަދާ މަޖިލީހުން ކަމާބެހޭ ޤާނޫނީ މާއްދާތަކަށް ބަދަލުގެނައުމެވެ. މިއީ ވަރަށް ފަސޭހަ ގޮތެއްކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވިސްނިފައިވެއެވެ. ނަމަވެސް މީގައި އުނދަގޫވަނީ ޤާނޫނީ އެހުސްކަމަކީ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ތަމްސީލުކުރާ ބަޔަކަށް ފައިދާއެއް ލިބިދާނެ ފަދަ ހުސްކަމަކަށް ވާ ޙާލަތްތަކުގައިކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. އެފަދަ ޙާލަތެއްގައި މަޖިލީހުން ޙައްލު ހޯދުމަކީ ކުރެވޭނެ ކަމެއް ނޫންކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. މިއަދު މަޖިލީސް އޮތް ގޮތުން އަދި އަމުދުން މިއަދު ރާއްޖެއަށް ދިމާވެފައިވާ ޙާލަތުގައި މިކަން މިގޮތަށް ކުރެވޭނެ ގޮތް ފަހިވެފައި އޮތުމަކީ ކުރިއަށްތަނުގައި މިކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް ހައިލަމް ވިދާޅުވިއެވެ. 

ދުސްތޫރީ ހުސްކަމެއް ހޯދުން މަޖިލީހަށާއި ތަންފީޒީ ބާރަށް އުނދަގޫވާ ޙާލަތުގައި އެކަން ކުރެވޭނެ ހަމައެކަނި މަގަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓެވެ. ސުޕްރީމް ކޯޓަށް އެ ބާރު ނެތްކަމަށް ބުނެ ވަކާލާތުކުރުމަކީ ދައުލަތް ހިނގާ ގޮތާއި ދައުލަތުގެ ބާރުތައް ވަކިވުމުގެ މާނަ ނޭނގޭ މީހުން ކުރަމުން އަންނަ ކަމެއް ކަމަށް ހައިލަމް ގަބޫލު ކިރައްވައެވެ. ދުސްތޫރީ ހުސްކަމަކީ އެޔަށް ވަގުތުން ފަރުވާ ލިބެންޖެހޭ ވަގުތުން ފޫބެދެންޖެހޭ ކަންކަމެވެ. އެކަން ކަމަށް ގޮތެއް ނިމެންޖެހެއެވެ. ދުސްތޫރީ ހުސްކަމެއްގެ ތެރެއަށް ޤައުމު ދާ ހިނދެއްގައި، މަޖިލީހަކީ ސިޔާސީ ގޮތުން ހަމަހަމަޔަށް ބެހިފައިވާ މަޖިލީހަކަށް ވެއްޖެނަމަ މަޖިލީހުގައި ކުރާ ޤާނޫނީ ޒުވާބަށް ނިމުން އައުމުގެ ކުރިން އެ ހުސްކަމެއްގެ ތެރެއަށް ޤައުމު ވެއްޓިގެންދާނެއެވެ. 

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާއިން ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ކަނޑައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ވަކި ކަމަކީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިފައިވާ ބާވަތުގެ ކަމެއް ނަމަ އެކަމެއްގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިދީފައިވާކަން ހައިލަމް ފާހަގަ ކުރެއްވިއެވެ.  މީގައި އިތުރު ގޮތަކަށް މާނަކުރާނެ އެހެން ޖާގައެއް ވެސް ނެތެވެ. ލޯކަލް ކައުންސިލް އިންތިޚާބު ޤާނޫނީ ވަގުތަށް ވުރެ ލަސްވެއްޖެނަމަ ޤައުމު ދާނީ ދުސްތޫރީ ހުސްކަމެއްގެ ތެރެއަށެވެ. އެމައްސަލަ ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ކޯޓުތަކުގެ ޤާނޫނުން ދީފައިވާކަން ޝައްކެއް ނެތް މިންވަރަށް ސާފުވާކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. 

ނަމަވެސް މިވަގުތު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެރިކަންކުރާ ޕާޓީއަށް އޮތުމުން މިކަމުގައި މަޖިލިސް ތެރޭން ޙައްލު ހޯދުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެކެވެ. އަދި ތަންފީޒީ ބާރުން އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ޤަރާރެއްގެ ޒަރީޢާއިން ވެސް މިކަމަކީ ސުޕްރީމް ކޯޓާ ނުބައްސާ ކުރެވިދާނެ ކަމެކެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކުރަނީ ސުޕްރީމް ކޯޓަށް އެ އިޚްތިޞާޞް ލިބިފައި ނެތީމާކަމަށް ބުނެ ވަކާލާތުކުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫންކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. ސަބަބަބކީ  މިނޫން ދުވަހެއްގައި މަޖިލީހުން ކަންކަން ނިންމަން ފަސޭހަ ނޫން ޒަމާނެއްގައި އޮންނާނެ ހަމައެކަނި ދުސްތޫރީ އަދި ޤާނޫނީ މަގަކީ ސުޕްރީމް ކޯޓު ކަމުގައިވާތީއެވެ. އިންތިޚާބާ ގުޅޭ މައްސަލަތައް ނިންމަން ކޯޓުތަކުގެ މައްޗަށް މުއްދަތުތައް ކަނޑައަޅައި، އަދި ސުޕްރީމް ކޯޓުގެ ޖުމުލަ ޢަދަދަކީ އޮނަހިރި ޢަދަދަކަށް ހަދާފައި އޮންނަނީ ވެސް މިބޭނުމަށްޓަކައިކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. 

ދުސްތޫރީ ހުސްކަމެއް އަންނަނީ އިންސާނުން ވަރަށް ވިސްނާފައި ހަދާ ޤާނޫނުތަކުގައި ފޫނުބެދޭ ކަންކަން ހުންނާތީއެވެ. ހަޤީޤަތުގައި އެކަމަކީ އިންސާނުންނަށް އެއިން މިހާތަނަށް އަދި ރެކެވޭނެ ޓެކްނޮލޮޖީއެއް ހޯދިފައި ނުވާ ކަމެކެވެ. ހަމައެޔާ ގުޅޭ އަނެއް ކަމަކީ ވަރަށް ފުރިހަމައަށް ހަދާ ޤާނޫނުތަކުގައި އެޤާނޫނުތައް އެކި ގޮތަށް މާނަކުރެވޭނެ ޖާގަވެސް ހުޅުވިފައި އޮންނަ އޮތުމެވެ. ހައިލަމް ފާހަގަ ކުރައްވާ ގޮތުގައި ޤާނޫނުތައް މާނަކުރުމަށާއި ޤާނޫނުތައް ތަންފީޒުކުރުމުގައި ދިމާވާ ފޫނުބެދޭ ކަންކަމުގެ ޙައްލު ލިއްބައިދޭނެހެން އަދި އެބާވަތުގެ އަރާރުންތަކަށް ޙައްލު ހޯދޭނެ ފަނޑިޔާރުގެއެއް އަބަދުވެސް ބޭނުންވަނީ ވެސް އެހެންވެގެންނެވެ. ޤާނޫނުތަކަކީ ހުރިހާ ކަމެއް ފޫބެދިފައި ހުރިހާ އެންމެން އެއްގޮތަކަށް މާނަކުރާ އެއްޗަކަށް ނުވާތީއެވެ. އެފަދަ ޒަމާނެއް އައި ދުވަހަކުން ފަނޑިޔާރުގެ ބޭނުމެއް ނުވާނެއެވެ. ނަމަވެސް މިއަދަކީ އެދުވަހެއް ނޫނެވެ.

ހައިލަމް ވިދާޅުވާ ގޮތުން ނަމަ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅި މައްސަލާގައި ކުރީގެ ޕްރެކްޓިސްއަށް ފަހުގެ ޕްރެކްޓިސްއަށް ބަލާކަށް ނުޖެހެއެވެ. ބަލަންޖެހެނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ ނައްޞަށެވެ. އަދި ކަމަކީ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ކަމެއްތޯއެވެ. މިދެކަންތަކަށް ބެލުމުން މައްސަލަ ބެލުމުގެ ބާރާއި އިޚްތިޞާޞް ސުޕްރީމް ކޯޓަށް އެބަ އޮތެވެ. ކޯޓުތަކުގެ ޤާނޫނަކީ ވެސް އެމްޑީޕީގެ ދައުރެއްގައި އެމްޑީޕީން ހުށަހެޅި ގޮތަށް ފާސްކޮށްފައި އޮތް ޤާނޫނެކެވެ. އަދި މިސަރުކާރަށް ވީފަހުން މިހާރު މިއޮތް މަޖިލީހުން ކޯޓުތަކުގެ ޤާނޫނަށް އިސްލާޙް ގެނައިއިރު 11 ވަނަ މާއްދާއަށް އިސްލާޙެއް ގެނެސްފައި ނުވާކަން ހައިލަމް ފާހަގަ ކުރެއްވިއެވެ. 

ކޮންމެއަކަސް ހައިލަމް ގަބޫލުފުޅު ކުރައްވާ ގޮތުގައި މައްސަލަ ބެލުމުގެ ބާރާއި އިޚްތިޞާޞް ސުޕްރީމް ކޯޓަށް އެބައޮތެވެ. މިވަގުތު މަޖިލީހަށް މިކަމުގައި ޙައްލެއް ހޯދޭނެ މަގެއް ފަސޭހަވެފައި އޮތުމަކީ ސުޕްރީމް ކޯޓަށް އެބާރު ނެތުމެއް ނޫނެވެ. އަދި ނޯންނާނެކަމަށް ބުނަންޖެހޭ ސަބަބެއް ވެސް ނޫނެވެ. އަދި އެބާރު ނެތްކަމަށް ހެދުމަކީ ކޯޓުތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާ އިސްލާޙްކޮށްގެން ނޫނީ ކުރެވޭނެ ކަމެއް ނޫންކަން ހައިލަމް ވަނީ ފާހަގަ ކުރައްވާފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: