މިހާރު ދުނިޔޭގައި ހަކުވި ކަމާއިއެކު ފެތުރުމުންފާ ކޮރޯނާ ވައިރަސްގެ ނުރައްކާ ރާއްޖެއަށް ވެސް ކުރިމަތިވެފައިވާއިރު އެއް ރިސޯޓުން އަނެއް ރިސޯޓަށާއި އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ސަރުކާރުން މަނާކޮށްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ މިއަދު ނެރުއްވި އެންގުމެއްގައި ބުނެފައިވަނީ ރިސޯޓްތަކާއި، އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށާއި، ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓާލުމާއި، އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން ހުއްޓާލަން އަންގާ ކަމަށެވެ.
މި ހާލަތުން އިސްތިސްނާވާނީ ދިވެހިރާއްޖެއިން ފުރުމަށް އެއާޕޯޓަށްދާ ފަތުރުވެރިންނާއި، ފަތުރުވެރިން ފުރުވަން އެއާޕޯޓަށްދާ މުވައްޒިފުންނާއި، ރިސޯޓްތަކަށް މުދާ އުފުލާ އުޅަނދު ފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން މުދާ ފޯރުކޮށްދިނުމަށް ޖެޓީއާ ހަމަށް ދިއުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މި ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ މިރޭ 21:00 އިން ފެށިގެން ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
މީގެއިތުރުން ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމަ އަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށް އަންގާ ކަމަށާއި އަދި މި އެންގުންތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާއި އަޅާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް ވަނީ އަންގާފައެވެ.

