ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވައި އެމްޑީޕީގެ ޗެއާޕާސަނަކަށް ރައީސް ނަޝީދު!

ބޮޑޫ ބަދަލު ކެމްޕެއިން ނިންމާލުމުގެ ޕެރޭޭޑުގެ ތެރެއިން ރައީސް ނަޝީދާއި ފައްޔާޒު އިސްމާއިލް -- ފޮޓޯ: ހުސެއިން ޝަފީއު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައިފިއެވެ.

މިއަދު މެންދުރު 2:30 އިން ފެށިގެން ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި މިހާތަނަށް ގުނާފައިވާ ގިނަ ފޮށިތަކުން ރައީސް ނަޝީދު އުޅުއްވަނީ ބޮޑު ތަފާތަކުން ކުރީގައެވެ.

ނަޝީދުގެ ”ބޮޑު ބަދަލު“ ކެމްޕެއިނުން ވެސް ވަނީ ކާމިޔާބީ އިއުލާނުކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނާއެކު ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ރައީސް ނަޝިދަށް މަރުހަބާ ދަންނަވައިފައެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ލިބުނު ކުޑަ ދުވަސްކޮޅު ތެރޭ މުޅި ރާއްޖޭގައި ރީނދޫ ލަޝްކަރު ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ބޮޑު އުފަލެއް ކަމަށެވެ.

ކެމްޕޭނުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކެމްޕޭން ޓީމަށާއި ‏އިންތިހާބުގައި ބައިވެރިވެ ވޯޓު ދެއްވި ހުރިހާ އާންމު މެންބަރުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

”މިއަދު ތި ސާބިތުކޮށްދެއްވީ މި ޕާޓީގެ މިސްރާބު ކަނޑައަޅައިދޭ، މި ޕާޓީގެ ވިންދަކީ ތިޔަ ބޭފުޅުންކަން. ހިތަށް ވީ ތަދުގެ ބަދަލު ހޯދުމަށް ވުރެ މި ރާއްޖެ އިސްކޮށް ތިޔަ ދެއްވީ މުހިންމު ވޯޓެއް. ‏ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ކެމްޕޭން ޓީމުން ދެއްކި ހިތްވަރަށް ސާބަސް ދަންނަވަން.“

ފައްޔާޒު ވިދާޅުވީ، ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން ކަމަށެވެ. އަދި ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް ކާމިޔާބުކުރާނެ ކަމަށާއި ‏އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދެއްވައިފި ކަމަށެވެ. އަދި ބޮޑު ބަދަލު ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު ފެށިއްޖެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

”ރައީސް ނަޝީދަށް ތި ދެއްވި ވޯޓާއެކު ”ބޮޑު ބަދަލު“ މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު މިދިޔައީ ފެށިގެން. އެމްޑީޕީ ކުރިއަށް!“

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓުލުން މިރޭ 9:00އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ. ކުރިން 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދަން ނިންމި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުންނާއި ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިޔުން ލަސްވުމާ ގުޅިގެން ވޯޓުލާ ގަޑި ވަނީ އިތުރުކޮށްފައެވެ.

މި އިންތިހާބުގައި 241 ވޯޓު ފޮއްޓަކަށް ވޯޓުލާނެއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މި އިންތިހާބުގައި ވޯޓުލާން ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ އިތުރުން ސްރީލަންކާގައި ވެސް ވަނީ ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: