ޒަރޫރީ ބޭނުންތަކުގައި ފިޔަވައި، އެ ނޫން ގޮތަކަށް މާލެ އާއި ރަށްރަށުގެ މަގުތަކުގައި ނޫޅުމަށްއެދި ނަސޭހަތްދީ، ގޭގައި މަޑުކުރުމަށް އަންގަމުންދާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، އެހެންނަމަވެސް ސަރުކާރާއި އެ ނޫން ވެސް ތަންތަނުގައި ޒަރޫރީ ބޭނުމަށްކުރާ ދަތުރުފަތުރުތަކަށް ހުރަސްނާޅާނެ ކަމަށެވެ.
މީގެ އިތުރުން ނަވީން ވިދާޅުވީ، ފުލުހުންނާއި ސްޓޭކް ހޯލްޑާސް ކުރަމުންދާ މަސައްކަތްތަކައް އެއްބާރުލުން ދިނުމަށްޓަކައި، ބޭނުމެއްނެތި މަގުތަކުގައި އުޅުމުން ދުރުވެ، ގޭގައި މަޑުކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
މާލޭގެ މަގުތަކުގައި ޒަރޫރީ ބޭނުމެއްނެތި އުޅޭމީހުން ގޭގައި މަޑުކުރަން ފުލުހުން އަންގަވަންފަށާއިރު، ސަރުކާރުގެ މުޢައްސަސާއެއްގެ އެއްވެސް މުވައްޒަފަކު ޒަރޫރީ ބޭނުމެއްގައި ފިޔަވައި ނޫނީ ގެއިންބޭރަށް ނުނިކުތުމަށް ރައީސް އޮފީހުން ވަނީ އިއްޔެ އަންގާފައެވެ.

