ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއިން އަރައިގަތުމަށްޓަކާ އެ ގައުމުތަކުން ދަނީ އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. އިގްތިސޯދީ ގޮތުން ދުނިޔެ ކުރިމަތިލާން ޖެހިފައި މިވާ ހަނގުރާމައަކީ، ބޮޑު އަނދަވަޅެކެވެ. ދުނިޔޭގެ ތިންވަނަ އެންމެ ބޮޑު އިގްތިސޯދު ކަމަށްވާ ޗައިނާއިން މި ވައިރަސް އުފަންވެގެން އައި ކަމަށް ރިޕޯޓުތަކުން ދައްކަނީ ނޮވެމްބަރު މަހެވެ. އަދި ވައިރަސް ބޮޑަށް ފެތުރެންފެށީ ޑިސެމްބަރު މަހުގެ ފަހުކޮޅެވެ. ޗައިނާ އެ އަނދަވަޅުން އަރައިގަތުމަށް ކުރި މަސައްކަތްތައް ފެނިއްޖެއެވެ. ބޮޑު ހުސްބިމެއްގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ހޮސްޕިޓަލްތައް ގާއިމްކޮށް ބައްޔަށް ޕޮޒިޓިވްވި، އަދި ޝައްކުވީ މީހުންނާއި މެދު އަމަލު ކުރިގޮތް ވެސް ވަރަށް ގާތުން ފެނިއްޖެއެވެ. މިއަދުގެ ހާލަތަށް ބަލާއިރު ޗައިނާއިން ފެންނަމުންދާ ކޭސްތަކަށް ވުރެ ޔޫރަޕްގައި ރިޕޯޓްކުރެވޭ މިންވަރު މިވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.
ޗައިނާގެ މެއިން ލޭންޑްއިން މި ވައިރަސް ފެތުރެން ފެށުމާއި އެކު، ރާއްޖެއިން ވެސް ފިޔަވަޅުތައް ވަރުގަދަކުރިއެވެ. ފަހަރަކު ސްޓޭޖެއް ވަރުގަދަ ކުރަމުންގޮސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މުހިންމު އެތައް ފިޔަވަޅުތަކެއް އަޅައިފިއެވެ. ތާމަލް ކެމެރާއާއި ހަމައިން، މާލެ ހިމެނޭ ސަރަހައްދުގެ ގެސްޓް ހައުސްތަކާއި ހޮޓެލްސްތަކަށް ފަތުރުވެރިން ގެނައުން މަނާ ކުރެވިއްޖެއެވެ. އަދި އެ ނޫންވެސް އެންގުންތަކެއް ޑިރެކްޓާރ ޖެނެރަލްއަށް ލިބިގެންވާ ބާރުގެ ދަށުން ގެންދަވަނީ ވަރުގަދަ ކުރައްވަމުންނެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއާއި، އަދި އެ ކްރައިސިސްތަކުގައި ފްރޮންޓްލައިނުން ފެންނަ އެތައް ބަޔަލު އެ ދަނީ ދުވާލާ ހަތަރުދަމު މި ވައިރަސް ރާއްޖެއަށް ފެތުރިޔަ ނުދިނުމަށްޓަކާ މަސައްކަތް ކުރަމުންނެވެ. އިރުޝާދުތަކާއި، ގައިޑްލައިންތައް ހިއްސާ ކުރަމުންނެވެ. ވައިރަސްއަށް ޝައްކުވާ މީހުންގެ ސާމްޕަލްތައް ނެގުމާއި، އެ މީހުންނާއި ކޮންޓެކްޓުވެފައިތިބި މީހުން ވަގުތުން އައިސޮލޭޓު ކުރުން ކޮންމެ ދުވަހަކު ކުރިޔަށް ދެއެވެ.

އާއްމު ފަރުދުންގެ މައްޗަށް އޮތީ، އިދާރާތަކުގެ އިރުޝާދަށް ބޯލެނބުމެވެ. އެ ގަބޫލުކޮށް އާއްމު ސާފުތާހިރުކަމަށް އިސްކަމެއް ދީ، ބަލިތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. ގަވައިދުން އަތް ދޮވުމަށާއި، ހޭންޑް ސެނެޓައިޒާ ބޭނުން ކުރުން، އަދި ކެއްސާ ކިނބިހި އަޅާ ހުން އަންނަ ނަމަ މީހުން އެއްވާތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ދަނީ އިލްތިމާސް ކުރެމުންނެވެ.
ކޮންމެ ދުވަހަކު ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކާއި، ސޯޝަލް މީޑިއާގައި ޑޮކްޓަރުން ދެއްވާ އިރުޝާދާއި ލަފައަށް އަމަލު ކުރަނީ ކިތައް މީހުންތޯ ހަގީގަތުގައިވެސް ސުވާލު އުފެދެއެވެ. އާއްމުން ތަންތަނަށް އެއްނުވުމަށް އިލްތިމާސްކުރުމުން އެންމެ ފުރަތަމަ ވެސް ގޮވަމުން ދިޔައީ ސްކޫލުތައް ބަންދު ކުރުމަށެވެ. ސަބަބަކީ، މި ވައިރަސްގައި ކުޑަކުދިންނަކީ ހައި ރިސްކް ކެޓަގަރީގެ ބަޔަކަށް ވުމެވެ. އަދި ކޮލެޖް ޔުނިވާސިޓީތަކުގެ ކިޔެވުންތައް ބަންދުކުރުމަށް ސޯޝަލް މީޑިއާގައި ދިޔައީ އަޑުއުފުލަމުންނެވެ.
ސްކޫލުތައް މީގެ ކުރިން އޮތީ، އާދީއްތަ ދުވަހު ހުޅުވޭ ގޮތަށެވެ. އެއީ ދަރިވަރުން މިވަގުތު ތިބީ، ފުރަތަމަ މިޑް ޓާމް ބްރޭގްގައި ކަމަށް ވުމުންނެވެ. ދަރިވަރުންގެ ކިޔެވުން ފަސްކޮށްފައިވާއިރު، އެންމެ ރަނގަޅުގޮތަކީ ބެލެނިވެރިން ކުދިން ގޮވައިގެން ދަތުރުނުކުރުމުވެ. އަވައްޓެރި ލަންކާ، އިންޑިއާއަށް ދަތުރުކުރުމަކީ މިވަގުތަށް އެންމެ ބުއްދިވެރިގޮތެއް ވެސް ނޫނެވެ. ސްކޫލުތައް ހުޅުވުން ފަސްކުރީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އެހެން ކަމުން ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންތަކެއް ހުންނާނެއެވެ. ޕާކުތަކަށް ދިއުމާއި، ޕާޓީތަކަށް ދިއުން، ނުވަތަ ހަވީރު ފިންޏަށް ހިންގާލަން ދިއުން މިވަގުތައް ހުއްޓާލުން މުހިންމެވެ.

ދަރިވަރުންގެ ސްކޫލު ބަންދު ނުކޮށްގެން ކަންބޮޑުވުން ފާޅުކުރި އެތައް ބެލެނިވެރިންނެއް މިއަދު އެކަނިވެސް އަވައްޓެރި ލަންކާއަށް ފުރައިފިއެވެ. ނުވަތަ އިންޑިއާއަށް ފުރައިފިއެވެ. ކައިރި ރަށްތަކަށް ޗުއްޓީއަށް ގޮސްފިއެވެ. އެއްވެސް ގޮތަކަށް، ހުރިހާ ބެލެނިވެރިންގެ ވާހަކައެއް ނޫންނެވެ. އެހެން ނަމަވެސް، މިއީ މަދުންނަމަވެސް ދިމާވާން ފަށާފައިވާ މައްސަލައެކެވެ. އިރުޝާދެއް ދެނީ، އެންމެގެ ސަލާމަތަށެވެ. އެހެން ކަމުން ވިސްނާލަންޖެހޭ ކަންތަކެއް ހުންނާނެއެވެ.
ދެން، އޮތީ ކޮލެޖު ޔުނިވާސިޓީތަކުގެ ވާހަކައެވެ. އެކަން ވެސް ފަސް ކުރެވިއްޖެއެވެ. އެހެން ނަމަވެސް، ރެސްޓޯރެންޓެއްގެ ތެރޭގައި ނުދަންނަ އެތައް ބައެއް ވަށައިގެން ތިބޭއިރު ކޮފީތަކަށް ދަނީ ކިތަށް ޒުވާނުން ބާއެވެ؟ ކުޅެން ދިއުމާއި، ގްރޫމް ހަދާ ބާބަކިއުއަށް ދެއެވެ. އެހެން ކަމުން، މިވަގުތަށް ޒުވާނުންވެސް ގެއިން ބޭރަށް ދިއުމާއި، މާލޭގައި ދިރިއުޅޭނަމަ މާލެއިން ބޭރަށް ދިއުން ހުއްޓާލަންޖެހެއެވެ.
މުޅި މި މާލެ ސިޓީ ”ލޮކްޑައުން“ އަކަށް ގޮވާލަމުންދާއިރު ފަރުދީ ޒިންމާ އުފުލަނީ އޭގެ ތެރެއިން ކިތަށް މީހުން ތޯއެވެ؟ ހަމަ ދަތުރުމަތީގައެވެ. ހަވީރު ފިންޏަށް އަތިރި މައްޗަށެވެ. މާލޭގެ ތެރޭގައި ދުއްވާ މީހުން ދުއްވަނީއެވެ. ފިހާރަތައް ހުސްކުރާ މީހުން އެކަމާ އަވަދިނެތިއެވެ. ގްރޫޕުތައް ހަދައިގެން ބައެއް މީހުން މަގުމަތީން އަންހެން ކުދީންނާއި ފޮށުމައިގެން ކުރިޔަށެވެ.
ސިއްހީ ގޮތުން، ސަމާލުކަންދޭންޖެހޭ ކަންތަކުގެ ވާހަކަ ޑޮކްޓަރުން ގެންދަވަނީ ފާހަގަކުރަމުންނެވެ. ސާފުތާރިހުރުކަން އިތުރުކުރުމާއި، ގިނަގިނައިން އަތް ދޮވުމެވެ. މާލޭގެ މަގުތަކަށް ބަލާއިރު ރަތްކުޅު ޖެހުން މިއީ އާއްމު ކަމެކެވެ. އޭގެއިން އެއް މަގަކަށް ހަމަގައިމުވެސް މަސް މާރުކޭޓު ވަށާ ކްރިމިނިލް ކޯޓާއި ހަމައަށް އެ އޮންނަ ސަރަހައްދު ވާނެއެވެ. މިއީ އިސްލާހު ކުރަންވީ ކަމެކެވެ. މާލޭގެ އެންމެ ހަޑި، އަދި ނަޖިސް މަގަކީ އެއީއެވެ. މި ދުވަސްވަރަށް ބަލާއިރު ސާފުތާހިރުކަން ހުންނަން ޖެހޭނެ އެއް މަގަކީ ވެސް އެއީއެވެ. ސަބަބަކީ މަސް މާރުކޭޓާއި، މާރުކޭޓު ހުންނަ ސަރަހައްދަކީ އެއީ ކަމަށްވީތީއެވެ.
ދިވެހިން، ވިސްނަންޖެހޭ ވަރަށް ގިނަ ކަންތަކެއް އެބަހުއްޓެވެ. އިރުޝާދުތަކަށް ބޯލަނބަން ދަސްކުރަންވެއްޖެއެވެ. ގޭގައި މަޑުކުރުމަށް ބުުނުމުން އެކަން ގަބޫލުކޮށް ބޭރަށް ނިކުތުން ހުއްޓާލަން ޖެހެއެވެ. ވަގުތު ފާއިތުވުމަށްވުރެ، ވަގުތު އޮއްވައި ފިޔަވަޅު އެޅުން މާ ބުއްދިވެރިއެވެ.
https://twitter.com/farudheezinma/status/1239840925364322304
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީގެ ކުރިން ބުނެފައިވަނީ މި ވައިރަސް ހުއްޓުވުމަށްޓަކައި، ކޮންމެ ގައުމަކުން އެ ގައުމަކާ ގުޅޭ ފިޔަވަޅު އެޅުން މުހިއްމު ކަމަށެވެ. ބަލި ޖެހޭ މީހުން އަވަހަށް ދެނެގަނެ، މީހުން ހޭލުންތެރިކޮށްގެން މި ބަލާއާފާތުން ސަލާމަތްވެވޭނެކަން އެފަދަ ގައުމުތަކުން އެވަނީ ދައްކުވައިދީ، ކޮރޯނާ ވައިރަހާ ދެކޮޅަށް މަސައްކަތްކޮށް ކާމިޔާބު ހޯދީ ޗައިނާކަމަށް ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
https://twitter.com/AmbassadorZhang/status/1240489897665806337
ދުނިޔެ ބޮޑު ބަލިމަޑުކަމަކާއި ދިމާލަށް ގެންދިޔަ ކޮރޯނާ ވައިރަސް އުފަންވެގެން އައި ޗައިނާއިން މިހާރު ފެންނަމުންދަނީ މަދު ކޭސްތަކެކެވެ. އެއީ އެ ގައުމުގެ ރައްޔިތުން ސަރުކާރުގެ ނިންމުންތަކަށް ބޯ ލެނބުމުންނެވެ. ގޭގައި މަޑުކޮށް ނުނިކުމެ ތިބުމުގެ އެއް ނަތީޖާއެވެ. މި ވައިރަސް ޗައިނާގެ ވޫހާން ނެތިކޮށްލަފާނެކަމަށް ވެސް ހީވެގެން ދިޔައެވެ. އެހެން ނަމަވެސް، ޗައިނާއިން ހުސްބިންތަކުގައި އެޅި ބޮޑެތި ހޮޕިޓަލްތައް އެހެރީ ފަޅަށެވެ. ނަމަވެސް، ދުނިޔޭގައި އެ ވައިރަހުގެ ބިރުވެރިކަމާއި އެކު އެއްވެސް މަޑުޖެހުމެއްނެތި ފެތުރެމުންނެވެ.
މިހާރު ވައިރަސްގެ އެންމެ ބޮޑަށް އަސަރުކޮށްފައިވާ އިޓަލީ ވަނީ އެކީގައި ބަންދުކޮށްފަ އެވެ. އޭރު އިޓަލީއިން މިކަން ނެގީ ވަރަށް އާދައިގެ ގޮތަކަށެވެ. އާއްމުން ދިޔައީ އެއްވުންތަކާއި، ފެސްޓިވަލްތައް ބާއްވަމުންނެވެ. އެހެން ގައުމުތަކުން ބޮޑެތި ފިޔަވަޅު އެޅިއިރުވެސް އިޓަލީ އޮތީ ހަމަޖެހިލައިގެންނެވެ. މިއަދު އެންމެ ބާރު ސްޕީޑެއްގައި ވައިރަސް ފެތުރެނީ، އިޓަލީގައެވެ.
އެއާއެކު ގިނަ ބަޔެއްގެ އުފައްދަނީ އެންމެ ސުވާލެކެވެ. އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ގައުމުން އެޅި ފިޔަވަޅުތައް އެހެން ގައުމުތަކަށް ނަކަލު ނުކުރެވޭނެތޯ އެވެ.
ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވެފައިވަނީ ބިދޭސީންނެވެ. އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހުންގެ އިތުރުން ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ 13 މީހުންގެ ތެރެއިން 9 މީހުން ނިސްބަތް ވަނީ އިޓަލީއަށެވެ. އަދި ތުރުކީ، ޖަރުމަން ވިލާތާއި ދެކުނު އެފްރިކާގެ އިތުރުން އިނގިރޭސި ވިލާތް މިއިން ކޮންމެ ގައުމަކަށް ވެސް ނިސްބަތްވާ އެކަކު ވަނީ ފެނިފައެވެ. ޕޮޒިޓިވް ވީ މީހުންގެ ތެރޭގައި ހިމެނެނީ 6 ފިރިހެނުންނާއި 7 އަންހެނުންނެވެ.
ވައިރަސް ފެތުރިޔަ ނުދިނުމަށްޓަކާ އަޅާ ފިޔަވަޅުތަކުގެ ދަށުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށް އިއުލާނުކޮށްފައެވެ. އެހެން ކަމުން ރައްޔިތުން ސަރުކާރުގެ އެންގުންތަކަށް ބޯ ލެނބުން ވަރަށް ވެސް މުހިންމެވެ.

