އައިލެންޑް ސަފާރީ-1 އިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި ދެ ބިދޭސީންގެ ތެރެއިން އެކަކު ގާތުން މޮނީޓާރ ކުރުމުގެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އައިލެންޑް ސަފާރީ1 ގައި ތިބި ދެ ޓޫރިސްޓަކަށް ބަލި ޖެހުނުކަން ކަށަވަރުކުރި އިރު، ސަފާރީ އޮތީ ފުވައްމުލަކުގެ ބޭރުގައި ބަނދަރުކޮށްފަ އެވެ.
އައިލޭންޑް ސަފާރީން އެކަކު ދަރުމަވަންތައަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވަނީ އޭނާ ހާލަތު އިތުރަށް ބަލައި، މޮނީޓަރު ކުރުމަށްޓަކައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ފެސިލިޓީ އަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ މައްސަލަތައް ގާތުން މޮނިޓާ ކުރެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ފެސިލިޓީއެކެވެ.
ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އެކަކު ވަނީ ޑީއެޗް11 އަށް މީގެ ކުރިން ބަދަލު ކުރެވިފައެވެ. އެއީ ބަތަލާ އައިލޭންޑްއިން ވައިރަހަށް ޕޮޒިޓިވް ވީ އުމުރުން ދުވަސްވީ މީހާއެވެ. އެ ފިރިހެން މީހާ އެޑްމިޓުކޮޮށްފައިވަނީ އުމުރުން 70 އަހަރުގެ މީހަކަށް ވެފައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭތީއެވެ.
އުމުރުން ދުވަސްވެފައިވާ މީހެއްކަމުން އޭނާގެ ހާލަތު ކައިރިން މޮނީޓާރ ކުރަމުން އަންނައިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މޫސާ މުރާދު ވިދާޅުވީ އޭނާގެ ފަރާތުން ހުމުގެ އަސަރެއް ނުފެންނަކަމަށެވެ. އެހެން ނަމަވެސް، ހާލަތަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ޑޮކްޓާރ ފާހަގަކުރެއްވިއެވެ. އަދި މި ވަގުތަށް ބަލާއިރު އޭނާގެ ހާލު ރަނގަޅުކަން ޑޮކްޓަރު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، އައިޖީއެމްއެޗުގެ ޑޮކްޓަރު މުއާޒް މޫސާ ވިދާޅުވީ ބަލި މީހާ އަށް އައިޖީއެމްޗުގައި ފަރުވާ ދޭނީ އައިޒޮލޭޝަނުގައި ކަމަށާއި އެހެންވެ ހޮސްޕިޓަލްގެ ސްޓާފުންނާއި އާއްމުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި ބަލި މީހާ އޮންނަނީ މުޅިން ވަކި ތަނެއްގައި ކަމަށާއި، އެތަން ވާނީ ރެސްޓްރިކްޓެޑް އޭރިއާއަކަށް ކަމަށެވެ. އަދި ކޮންމެ ކޮންމެ މީހަކަށް އޭނާ ބާއްވާފައި އޮތް ތަނާއި ކައިރިއަށް ނުދެވޭނެ ކަމަށެވެ. މުއާޒް ވިދާޅުވީ ބަލި މީހާ އެކެހެރި ކުރެވިފައި އޮންނާތީ ހޮސްޕިޓަލް ބޭނުންކުރާ އެހެން މީހުންނަށް އަސަރު ނުކުރާނެ ފަދަ ތަނެއްގައި ކަމަށެވެ. އެތަނަށް ވަންނާނީ އެހެން ބަލި މީހުން ވަންނަ ދޮރު ނޫން އެހެން ހާއްސަ ދޮރަކުންނެވެ. އަދި ބަލި މީހާ ގެންދާނީވެސް އާންމުންނާއި ހޮސްޕިޓަލުގެ ބައެއް ސްޓާފުންނަށްވެސް ބޭނުން ނުކުރެވޭނެ ލިފްޓަކުންނެވެ.
ރާއްޖެއިން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެފަހުން 14 ދުވަސްވެފައިވާ އިރު، ރިސޯޓުތަކާއި ސަފާރީތަކުން މިހާތަނަށް 13 މީހަކު އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ފާއިތުވީ ހަތަރު ދުވަހު އެއްވެސް ޕޮޒިޓިވް ކޭސްއެއް ފެނިފައި ނުވެއެވެ.

