އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީންކަމަށާއި، ޙިއްސީގޮތުންނާއި މަޢުނަވީގޮތުން އިސްލާމްދީން އަމުރުކޮށް ބާރުއަޅަނީ ސާފުތާހިރުކަމަށްކަން މިއަދުގެ ހުކުރު ޚުޠުބާގައި ޒިކުރުވެގެން ހިނގައްޖެއެވެ.
ހަމަ އެހެންމެ، ދީނުގެ ޝަރްޢުތަކާއި ޢަދުލުވެރި ޙުކުމްފުޅުތައް ބިނާވެގެންވަނީ، ޙިއްސީ އަދި މަޢުނަވީ ސާފުތާހިރުކަމުގެ މައްޗަށްކަމަށް ވެސް ޚުޠުބާގައިވެއެވެ.
އިސްލަމްދީނުގައި ސާފުތާހިރުކަމަށް ބާރުއަޅުއްވާފައިވަނީ ހަމައެކަނި، އަޅުކަންތަކުގައި ނޫންކަމަށް ވެސް ޚުޠުބާގައި އެންގެވިއެވެ. މި ގޮތުން، އިންސާނާގެ ހަށިގަނޑާއި، ފޭރާމާއި، ޢާންމު ދިރިއުޅުމާއި، ގޯތިގެދޮރާއި، ދިރިއުޅޭ މާހައުލާއި، މުޅި އިންސާނީ ވެށި ސާފުތާހިރުކޮށް ބޭއްވުމަށް އިސްލާމްދީން ބާރުއަޅާކަމަށް އެންގެވިއެވެ.
މިއަދުގެ ޚުޠުބާގައި ސާފުތާހިރުކަމުގެ މުހިންމުކަން ހާމަކޮށްދޭ ބަސްފުޅެއް ވެސް ޒިކުރުކުރައްވާފައިވެއެވެ. މި ގޮތުން، ޒިކުރުކުރެއްވީ މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ބަސްފުޅެކެވެ. އަނަސްގެފާނު ވިދާޅުވެފައިވަނީ، ”މަތިމަސްކޮށުމަށާއި، ނިޔަފަތިތައް ކެނޑުމަށާއި، ކިލިލަފަތްދަށުގެ އިސްތަށިތައް އުފުރުމާއި، ފޫޅުންތިރީގެ އިސްތަށިތައް ބޭލުމަށް ތިމަންމެންނަށް ވަގުތުކަނޑައެޅުނެވެ. (އެއީ) އެއިން ކަމެއް ސާޅިސްރެއަށްވުރެ ފަސްނުކުޅައުމަށެވެ.“
މީގެ އިތުރުން، ޚުޠުބާގައި އެންގެވީ، އިސްލާމްދީނުގައި ސާފުތާހިރުކަމުގެ މަންހަޖަކީ ވަރަށް ތަނަވަސް، ވަރަށް ފުރިހަމަ މަންހަޖެއްކަމާއި، އެ ކަން ކަނޑައަޅުއްވާފައިވަނީ، މުސްލިމުންނަށާއި މުޅި އިންސާނިއްޔަތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމެވެ. ޚުޠުބާގައި އެންގެވީ، ރައްބުގެ ހަޟުރަތުގައި ލޮބުވެތިކަންބޮޑު މީހަކަށް ވެވޭނީ، ކިބުރުވެރިކަމާއި، ބޮޑާކަމާއި، ޝިރުކުގެ މުޑުދާރުކަމުން، ތިމާގެ އެތެރެފުށް ޠާހިރުކޮށްގެންކަމަށެވެ. ހަމަ އެހެންމެ ބޭރުފުށް ސާފުތާހިރުކޮށް ބެހެއްޓުމާއެކު، ހަލާލުތަކެތި ކައިބޮއިއުޅުމާއި، އެންމެހައި ނުތާހިރު ކަންތައްތަކުން ދުރުވެގެންކަމެވެ.
އިސްވެ މި ބަޔާންކުރި ކަންތައްތަކުގެ އިތުރަށް މިއަދުގެ ޚުޠުބާގައި ޒިކުރުކުރެވިގެންދިޔަ މުހިންމު ނުކުތާތަކަށް ބަލައިލާއިރު، ޞިއްޙީކަންތައްތަކާއި، ސާފުތާހިރުކަމަށް އިހުމާލުވެވޭނަމަ، އަޅުގަނޑުމެންގެތެރޭގައި ތަފާތު ބަލިތައް ފެތުރި، ނުރައްކާތެރި ވަބާތައް ޢާންމުވެ، ޞިއްޙީ އެތަކެއް މައްސަލައެއްކުރިމަތިވާނެކަމުގައި ހަނދާންކޮށްދެއްވިއެވެ.
އެހެންކަމަށްވުމާއެކު، ތަފާތު ބަލިތަކުން އަރައިގަތުމަށް ސަރުކާރުގެ މުޢައްސަސާތަކުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭންޖެހޭކަމަށް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
މި ގޮތުން ތިމާގެ ނަފުސާއި، ގޯތިގެދޮރާއި، މިސްކިތްތަކާއި، މަދަރުސާތަކާއި، އޮފީސްތަކާއި، މަގުތައް ސާފުތާހިރުކޮށް ބަލަހައްޓައި، ސާފުތާހިރުކަމާ ފުށުއަރާ އެންމެހައި ކަންކަމުން ދުރުހެލިވާންޖެހޭކަމަށް ވެސް އެންގެވިއެވެ. މީގެ އިތުރުން، ބިދޭސީން ގެންގުޅޭ ފަރާތްތަކުން، އެ މީހުންގެ ބެލުމުގެދަށުގައިތިބޭ ބިދޭސީންނަށް ސާފުތާހިރުވުމަށް ބާރުއަޅަންޖެހޭކަމަށް ވެސް އެންގެވިމެއެވެ.
ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާ މި ފަދަ ވަގުތެއްގައި، ޞިއްޙީ މާހިރުންދޭ ލަފަޔާއި އިރުޝާދުތަކަށް ބޯލަނބައި، އެ އަށް އަމަލުކުރުމަކީ ލާޒިމްކަމެއްކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. މި ގޮތުން، ރައްޔިތުން ކަންބޮޑުވެ މާޔޫސްވާފަދަ ޚަބަރުނުފެތުރުމަށާއި، ތަންތަނަށް އެއްވެ ގައިގޯޅިވެ ނޫޅުމަށް، ކަމާބެހޭ އިދާރާތަކުން އެ ދަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންކަން ހަނދާންކޮށްދެއްވިއެވެ.
އެހެންކަމުން، އެ ފަދަ އިރުޝާދުތަކަށް ޢަމަލުކުރުމާއެކު އެންމެހައި ފާފަތަކުން ދުރުހެލިވެ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ހާލަތުން މިންޖުވުމަށް މާތްﷲ ގެ ހަޟުރަތުގައި ދުޢާކޮށް އިސްތިޣްފާރުކުރުން ގިނަކުރުމަށް ނަސޭހަތްތެރިވެލެއްވިއެވެ.

