މުޅި ދުނިޔެއާ ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އާ ގުޅިގެން މާދަމާ ރޭ 12 ފެށިގެން މާލޭ ސަރަހައްދުގެ އެއްވެސް ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކުގައި މީހުން ތިބެގެން ކެއުމާއި ބުއިން މަނާކުރަން ސަރުކާރުން ނިންމައިފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވީ، ހޮނިދިވަހުގެ ރޭ ދުވަހުގެ ދަންވަރު 12:00 އިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް އެއްވެސް ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކުގައި މީހުން ތިބެގެން ކެއުން މަނާކުރަން ނިންމާފައިވާ ކަމަށެވެ.
ކެފޭ ރެސްޓޯރަންޓް ތަކުގައި މީހުން ތިބެގެން ކެޔުންފަދަ ކަންކަން މަނާ ކުރި ނަމަވެސް އެތަން ތަނުން ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ދެވޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މެދުވެރިކޮށް ހާމަކުރަމުން ގެންދާނެ ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖޭންވެސް މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ނަމަވެސް އޭގެ ތެރޭގައި ދިވެއްސެއް ނުހިމެނެއެވެ.
ރައްކާތެރިކަމުގެ ފިޔަޅުތައް އެޅުމުގެ ގޮތުން ރާއްޖޭން ވަނީ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން ރިސޯޓުތަކުން ރަށްރަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ރާއްޖޭން ބޭރުން އަންނަ ހުރިހާ ދިވެހިން ގެންދަނީ އެކަހަރިކޮށް ވައިރަސްއަށް ޓެސްޓް ކުރަމުންނެވެ.
ކޮވިޑް-19 ވައިރަސް ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި، ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ބުރާސްފަތު ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރިއިރު، ސްކޫލްތަކުގެ އިތުރުން މާލެ ސަރަހައްދުގައި އާންމުކޮށް އެއްވެ އުޅޭ ޕާކްތަކާއި މައިޒާންތަކާއި ބައެއް ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

