ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ދިވެހިރާއްޖެއިން ވެސް ފެނިފައިވާއިރު މިވައިރަސްއާއި ގުޅިގެން އެކިއެކި ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިމް ވަކިކޮށް ކުރަމުންދާކަން ތަހުގީގު ކުރާނެ ކަމަށް ހިޔުމަން ރައިޓސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
ބައެއް އަމިއްލަ ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލައާއި މުސާރަ ނުލިބޭގޮތަށް ގެއަށް ފޮނުވާލާ މައްސަލައިގައި އެޗްއާރުސީއެމްއިން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން، ދިވެހިރާއްޖޭގެ އަމިއްލަ ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރާކަމަށާއި އަދި ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭގޮތަށް ގޭގައި މަޑުކުރުމަށް އަންގަމުންދާކަމަށް ބުނެ ބައެއް އަމިއްލަ ފަރާތްތަކުން ކޮމިޝަނަށް މައްސަލަ ހުށަހަޅާގައިވާ ކަމަށެވެ.
އެހެން ކަމުން މިފަދަ ހާލަތެއްގައި މުވައްޒަފުން ވަޒީފާއިން ވަކިކޮށް މުސާރަ ނުލިބޭ ގޮތަށް ގޭގައި މަޑުކުރުމަށް އެންގާ ނިންމާ ނިމުންތައް ތަހުގީގު ކުރުމަށް ފަށާފައިވާ ކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ.
ކޮވިޑް19 އާއި ގުޅިގެން ކުންފުނިތަކަށް ލިބޭ ގެއްލުންތައް ފޫބއްދައި ދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެހެން ކަމުން ކުންފުނިތަކަށް ސަރުކާރުން އެހީވަމުންދާ ދަނޑިވަޅެއްގައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް ސަރުކާރުން ވަނީ އެދިފައެވެ.
އެގޮތުން ސަރުކާރުން ވަނީ ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތައް ހީނަރުވަމުން ދާތީ އެކަމުން ވިޔަފާރިތައް ސަލާމަތް ކުރުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރުމަށް ނިންމާފައެވެ.
އެކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނަމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ މި ފުރުސަތުތައް ދިނުމުގައި އެންމެ ބޮޑަށް ބަލާ މިންގަނޑަކީ ދިވެހިން ވަޒީފާ އިން ވަކިނުކުރުން ކަމަށާއި، އެއީ ވަރަށް ބޮޑު ޝަރުތަކަށް ވެސް ވާނެ ކަމަށެވެ.
”އެކަން ބަލަމުންދާނަން މި ފެސިލިޓީ ފޯރުކޮށްދޭ ފަރާތްތަކަށް“ ފައްޔާޒު ވިދާޅުވިއެވެ. އަދި ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން މި ފެސިލިޓީގެ ބޭނުން ނުކުރާ ފަރާތްތަކުން ދިވެހިން ވަޒީފާ އިން ވަކިކޮށްފިނަމަ އެފަދަ ފަރާތްތަކަށް ތަމްރީނުތައް ދީގެން އަލުން ވަޒީފާގެ ބާޒާރަށް ނެރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ސަރުކާރުން ތައާރަފު ކުރުމަށް ނިންމާފައިވާ އެ އެހީގެ ޕެކޭޖަކީ ހަމަސް ދުވަހު ގްރޭސް ޕީރިއަޑެއް ދީފައިވާ ޕެކޭޖެއް ކަމަށްވާއިރު އެ ޕެކޭޖުގައި ހަ ޕަސެންޓުގެ އިންޓްރެސްޓެއް ކަނޑައަޅާފައިވެއެވެ. މި ލޯނު އަނބުރާ ދެއްކުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ލިބިގެންދެއެވެ.

