ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް އެހީތެރިވުމުގެގޮތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ހޮލިޑޭ އައިލެންޑް ރިސޯޓު، އައިސޮލޭޝަން ފެސިލިޓީއެއްގެގޮތުގައި ދިނުމަށް އޭނާ ނިންމަވައިފިއެވެ.
ޤާސިމް މީގެ ކުރިން ވެސްވަނީ ވިލާ ކުންފުނީގެ ރިސޯޓެއްކަމަށްވާ، ފަން އައިލެންޑް ރިސޯޓު އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކޮށްފައެެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި، މި ދެ ރިސޯޓު ވެސް ސަރުކާރަށް ދޫކޮށްލެއްވީ އެއްވެސް ޝަރުތަކާ ނުލައެވެ.
ކޯވިޑް-19 އާއި ގުޅިގެން، ދިވެހިރާއްޖޭގެ އިޤުތިޞާދަށް ބޮޑެތި ގެއްލުންތަކެއްވަމުން ދާތީ، ޤާސިމްގެ ވިލާ ކުންފުނީގެ ރިސޯޓުތަކުގެތެރެއިން، ޕެރެޑައިސް އައިލެންޑް ރިސޯޓުފިޔަވައި، ދެން ހުރި ހުރިހާ ރިސޯޓެއް ބަންދުކުރުމަށްވަނީ ނިންމާފައެވެ.
ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތަށް ހުންނަ މީހުންނާއި، ވައިރަހަށް ޕޮޒިޓިވްވާމީހުން ކަރަންޓީނުކޮށް، އައިސޮލޭޓްކުރަންޖެހޭ މީހުން ތިބުމަށް މިހާރު ހަމަޖައްސާފައިވަނީ، ފަންއައިލެންޑް ރިސޯޓާއި، ހުޅުލޭ އައިލެންޑް ހޮޓެލްއާއި، ކ.ވިލިވަރާއި ހުޅުމާލޭ ދެވަނަ ފޭސްގައި އޮންނަ ފަރުކޮޅު ފުށްޓެވެ. މީގެ އިތުރުން، އއ.ވެލިދޫ އައިލެންޑް ރިސޯޓު ވެސް، އައިސޮލޭޝަން ފެސިލިޓީއަކަށް ހަދަންވަނީ ހަމަޖައްސަވާފައެވެ.
މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ މި ކަމަށްޓަކައި، މިހާރު ވެސް އިތުރު ރިސޯޓުތަކާއި ވާހަކަދައްކަވަމުން ގެންދަވާކަމަށެވެ.

