ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެށީގެ ކަންކަމަށް ޚާއްޞަ ލުއިލޯނު އެހީ ހޯދުމަށް ރާއްޖެއަށް މަގުފަހިވެއްޖެ: އައި.އެމް.އެފް

އދ. ގެ އާއްމު މަޖިލީހުގައި ރައީސް ތަގުރީރުކުރެއްވުން ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތުގެ މާލީ ނިޒާމާއި އިންވެސްޓްމަންޓްތައް މެނޭޖްކުރުމުގައި ތިމާވެށްޓަށް އަންނަ ބަދަލުތަކަށް ރިއާޔަތްކުރުން އިތުރުކޮށްފިނަމަ، ތިމާވެށީގެ އިންވެސްޓްމަންޓްތައް ފުޅާކޮށް ލުއި ގޮތްތަކެއްގެ މަތިން މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ފަހިވާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) އިން ހާމަކޮށްފިއެވެ.

އައި.އެމް.އެފް އިން 2026 ވަނަ އަހަރުގެ އާޓިކަލް IV މިޝަންގެ ދަށުން ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު އެކުލަވައިލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކަށް ކެތްކުރެވޭފަދަ ނިޒާމެއް ބިނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދައުލަތުގެ ޚަރަދުތަކާއި އިންވެސްޓްމަންޓްތައް ރޭވުމުގައާއި، ވަޒަންކުރުމުގައާއި އަދި މެނޭޖްކުރުމުގައި ތިމާވެށްޓަށް ކުރާނެ އަސަރުތަކަށް ބެލުމަކީ، ތިމާވެށްޓާ ގުޅުންހުރި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އޮތް އެންމެ ކުރު މަގެވެ.

މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން، ވިޔަފާރި އުސޫލުން ނަގާ ބޮޑެތި އިންޓްރެސްޓް ރޭޓްތައް ހުންނަ ލޯނުތަކުގެ ބަދަލުގައި، ލުއި ޝަރުތުތަކާއެކު ލިބޭ ’ކޮންސެޝަނަލް ކްލައިމެޓް ފައިނޭންސިންގ‘ ހޯދުމަށް މަގުފަހިވާނެއެވެ. މީގެ ސަބަބުން ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދާއިރު ދައުލަތުގެ ދަރަނީގެ ބުރަ ކުޑަކުރެވޭނެއެވެ. އަދި މޫސުމީ ބަދަލުތަކަށް އިންތިިލާފުވުމަށާއި ކެތްތެރިކަން އިތުރުކުރުމަށް ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ލިބުމަށް ބާރަކަށް ވާނެއެވެ.

އައި.އެމް.އެފް އިން ފާހަގަކުރި ގޮތުގައި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި ހަކަތަ އިސްރާފުކުރުން ކުޑަކުރުމަށް ގެންނަ އިޞްލާޙުތަކަކީ މުސްތަޤުބަލުގައި ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަކުރެވޭނެ ކަމެކެވެ. މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ރާއްޖޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މާލީ ނިޒާމު ހަރުދަނާކުރުމުން މާލީ ސިޔާސަތުތަކަށް އޮންނަ އިތުބާރު ބޮޑުވެ، ދައުލަތުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނެކަން ކަށަވަރުވާނެއެވެ.

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، ޤާނޫނީ އަދި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އައި.އެމް.އެފް އިން ވަނީ އިރުޝާދު ދީފައެވެ. މި އިޞްލާޙުތަކުގެ ސަބަބުން ވިޔަފާރީގެ މާހައުލު ރަނގަޅުވެ، އަމިއްލަ ދާއިރާ ކުރިއަރައި، ރާއްޖޭގެ އިގްތިސާދީ މުސްތަޤުބަލު އުޖާލާވެގެންދާނެއެވެ. ތިމާވެށީގެ ކަންކަމަށް ޚާއްޞަ ލުއި އެހީތައް ހޯދުމަށް ހުޅުވިފައިވާ މި ދޮރަކީ ރާއްޖޭގެ ތަރައްޤީގެ އާ މަރުޙަލާއެއްގެ ފެށުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: