ސްކޭމްގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުޅުމާލެ ފޭސް 1 ގައި ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ގާތުން ބައްދަލުކޮށް މައުލޫމާތު ދިނުމަށް ހުޅުމާލެ ފޭސް 1 ނެއިބަހުޑް ފުލުހުންނާއި އެންޓި ސްކޭމް ސެންޓަރު ގުޅިގެން ހިންގި ހަރަކާތެކެވެ.
ޖޫން 17 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރައްޔިތުންނާ ބައްދަލުކޮށް، އޮންލައިން ވިޔަފާރިތަކާއި މާކެޓް ޕްލޭސްގައި ވިޔަފާރިކުރާ ކަމަށް ދައްކައިގެން އުޅޭ މަކަރުވެރީންގެ އަމަލުތައް ދެނެގަންނާނޭ ގޮތް ވަނީ ކިޔައިދީފައެވެ. އަދި ހެކަރުންނާއި ސްކޭމަރުންގެ ކޯލުތަކާއި މެސެޖުތައް ދެނެގަންނާނޭ ގޮތް ކިޔައިދީ ހޭލުންތެރިކޮށް، އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާންވާ ގޮތްތަކަށް ރައްޔިތުން އަހުލުވެރިކުރުވާފައިވެއެވެ.
މީގެ އިތުރުން، ފޯނު ފަދަ ޑިވައިސްތަކުގެ ސެކިއުރިޓީ ފީޗާސްތައް ޗެކުކޮށްދީ، ސެކިއުރިޓީ ވަރުގަދަކުރުމަށް އަޅާނޭ ފިޔަވަޅުތައް ފުލުހުން ވަނީ ކިޔައިދީފައެވެ. އެގޮތުން ވައިބަރ އާއި ފޭސްބުކް ފަދަ އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޯތެންޓިކޭޝަން ހަދަން ދަސްކޮށްދީ، ބައެއް ފަރާތްތަކަށް ސެޓިންގްސް ހަދައިދީފައިވެއެވެ. މި ހަރަކާތުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ވެސް ހޭލުންތެރިކުރުމުގެ މެސެޖުތައް އާންމުންނަށް ފޯރުކޮށްދީފައިވެއެވެ.
ފަހަކަށް އައިސް ސޯޝަލް މީޑިއާ އާއި އޮންލައިން މާކެޓްޕްލޭސްތައް މެދުވެރިކޮށް ހިންގާ ސްކޭމްތައް އިތުރުވެ، އެއީ ރާއްޖޭގައި ބޮޑު ކަންބޮޑުވުމަކަށް ވަނީ ވެފައެވެ. މިކަމަށް އާންމުން ހޭލުންތެރިކުރުވައި މާލީ ގެއްލުންތަކުން ސަލާމަތްކުރުމަށް ފުލުހުން އަންނަނީ ކޮންމެ ހަފުތާއަކު ސްކޭމްގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް ސްކޭމްގެ 36 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، އޮންލައިންކޮށް މުދާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގުމުގައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ”ފައިސާ ދެއްކުމުގެ ކުރިން ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، ކާކުކަން ނޭނގޭ ފަރާތްތަކަށް ފައިސާ ނުފޮނުވުމަށް“ ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.

