ކ. އަތޮޅުގައި ހިމެނޭ ރިސޯޓަކުން ފިލައިގެން ފުވައްމުލައް ސިޓީއަށް ދާން މަސައްކަތް ކުރި ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއް ރަށުން އަނެއް ރަށަށް ދިއުން ވަނީ މަނާކޮށްފައެވެ. އަދި މީގެ ކުރިން މުވައްޒަފުން ކައިރި ރަށްތަކަށް އޮފްޑޭއަށް ދާއިރު އެކަން ވެސް ކުރުން މިހާރު ވަނީ މަނާކުރެވިފައެވެ. އާއްމު ސިއްހަތު ގާނޫނުގެ ދަށުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އެ އެންގުމުގެ ދަށުން އަޅާ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކުރެވިފައެވެ.
ރިސޯޓުން ފުރުން މަނާކޮށްފައިވަނިކޮށް ދާދިފަހުން ސައުތު ޕާމް ބީޗް ރިސޯޓްގެ މުވައްޒަފެއް ފަތާފައި ގޮސް އެ ރިސޯޓާއި ކައިރީ އޮންނަ އައްޑޫ މީދޫއަށް އެރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އޭނާވެސް ހައްޔަރުކޮށް ވަނީ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ދެ ވަނަ ފަހަރަށް މިފަދަ ހާދިސާއެއް ހިނގާފައިވަނީ މާލެ އަތޮޅު ރިސޯޓަކުންނެވެ. އެހެން ނަމަވެސް ސީދާ ރިސޯޓުގެ ނަމެއް ހާމައެއް ނުކުރެއެވެ. މި ދެ މީހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެއަށް އައި ދެ މީހުން ވަނީ ރޭ ފުލައިޓެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުވައްމުލައް ސިޓީއަށް ގޮސްފަ އެވެ. އަދި ފުލުހުން އެ ދެ މީހުން ހައްޔަރު ކުރީ ފުވައްމުލައް ސިޓީންނެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން މިއަދު ކޯޓަށް ގެންދިއުމުން، ފުވައްމުލައް ސިޓީ މެޖިސްޓްރޭޓް ކޯޓުން އެ މީހުންގެ ބަންދުގެ މުއްދަތުގެ ގޮތުގައި 15 ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފަ އެވެ. ފުލުހުން ބުނި ގޮތުގައި، އެ ދެ މީހުންނަކީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ ދިވެހި މުވައްޒަފެކެވެ. އެއީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮވިޑް-19 ބައްޔަށް ޕޮޒިޓިވް 13 މީހަކު ހަތަރު ރިސޯޓަކުންނާއި ސަފާރީއަކުން ފެނުމުން، ރިސޯޓުތަކުން ރަށްރަށުން ފޭބުުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމާ ހިލާފަށް އަމަލު ކުރާ މީހުނަށް ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.
މިހާތަނަށް ރައްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ތިން މީހަކު ވަނީ ފަރުވާދެވި ރަނގަޅު ކުރެވިފަ އެވެ. އެއިން ދެ މީހުންނަކީ އއ. ބަތަލާ ރިސޯޓުގައި ތިއްބައި ވައިރަސްއަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީ ދެމަފިރިއެކެވެ. ތިންވަނަ މީހާއަކީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވެގެން އެހަކެރި ކުރި ބިދޭސީއެކެވެ.

