ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން ވެސް ކަރަންޓީނަށް، އިތުރު ފެސިލިޓީތަކެއް!

ބޭރުން އަންނަ ހުރިހާ ދިވެހިން ވެސް ކަރަންޓީނަށް، އިތުރު ފެސިލިޓީތަކެއް!
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަބަނޑޮހާއި، ވިލާގެ ހޮލިޑޭ އައިލެންޑް ރިސޯޓްގެ އިތުރުން އެހެން ދެ ރިސޯޓެއް މީހުން ކަރަންޓީނު ކުރާ ރަށްތަކެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ކުޑަބަނޑޮހާއި ހޮލިޑޭގެ އިތުރުން ދެން ހަމަޖައްސާފައިވާ ދެ ރިސޯޓަކީ ދިއްގިރި ރިސޯޓާއި ބިޔާދޫ އައިލެންޑް ރިސޯޓެވެ. މިވަގުތު ކަރަންޓީން ފެސިލިޓީ ރަށްތަކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ ވެލިދޫ، ވެލިވަރު އަދި ފަން އައިލެންޑް ރިސޯޓެވެ.

ކޮރޯނާ ވައިރަސްއާއި ގުޅިގެން، މީޑިއާތަކަށް މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކަރަންޓީނު ރަށްތަކެއްގެ ގޮތުގައި މި ރިސޯޓްތައް ދޫކޮށްފައިވަނީ ސަރުކާރުން އެއްވެސް ކުއްޔަށް ދައްކަން ޖެހޭ ގޮތަށް ނޫން ކަމަށެވެ. މިއީ އެއީ އެ ރިސޯޓްތައް ހިންގާ ފަރާތްތަކުން ގައުމުގެ ހާލަތަށް ބެލާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ދޫކޮށްފައިވާ ރަށްތަކެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގެ ހުރިހާ ގައުމަކުން އަންނަ ދިވެހިންވެސް 14 ދުވަހަށް ކަރަންޓީން ކުރާގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ. މީގެ ކުރިން ކަަރަންޓީން ފެސިލިޓީއަކަށް ގެންދިއުމަށް ނިންމާފައިވަނީ ހަމައެކަނި ޓްރެވެލް ރެސްޓްރިކްޝަން ނެރެފައިވާ ގައުމުތަކަށް އެކަންޏެވެ. އެހެން ނަމަވެސް ފާއިތުވީ ދުވަސްތަކުގައި ބޭރުގެ ގިނަ ގައުމުތަކުގައި ދިރިއުޅެމުން އައި ދިވެހިން ވަނީ އެނބުރި ރާއްޖެއައިސްފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ގައިން ކޮރޯނާއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ސާމްޕަލް ނަގާފައިވެއެވެ. މިހާތަނަށް ނެގި އެއްވެސް ސާމްޕަލްއެއް ޕޮޒިޓިވްވެފައި ނުވެއެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ވެސް 14 ދުވަހު ކަރަންޓީނުގައި ބަހައްޓަން ނިންމާފައިވާއިރު، އެކަމަށް ގިނަ ކޮޓަރިތަކެއް އެކަމަށް ބޭނުންވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި އެ އަދަދަށް ކޮޓަރި ހަމަކުރުމަށް ޓޫރިޒަމް މިނިސްޓްރީއިން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށް މަބުރޫކު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. އަދި ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. ރާއްޖެއިން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެފަހުން 15 ދުވަސްވެފައިވާ އިރު، ރިސޯޓުތަކާއި ސަފާރީތަކުން މިހާތަނަށް 13 މީހަކު އެ ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ފާއިތުވީ ހަތަރު ދުވަހު އެއްވެސް ޕޮޒިޓިވް ކޭސްއެއް ފެނިފައި ނުވެއެވެ. އަދި ބައްޔަށް ފަރުވާ ދެމުންދިޔަ ތިން މީހަކު މިހާރު ވަނީ ބަލީން ރަނގަޅުވެފައެވެ.

ސަރުކާރުން ގެންދަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސަރުކާރު އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. ކޮންމެހެން ބޭރަށް ދާން ޖެހުގެން ނޫނީ ނުދިޔުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ޖަމާއަތުގައި ނަމާދު ކުރުމާއި ޕާކްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: