ނޫސްވެރިކަމުގެ ދިފާއުގައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންނެވި ރައީސް މުހަައްމަދު ނަޝީދު، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އަދި ރައީސް އަބްދުﷲ ޔާމީންގެ މަންދޫބުން ދެވަނަ ފަހަރަށް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ކުރީގެ ތިން ރައީސުން ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ސޮއިކުރެއްވީ، ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ގެއްލިފައިވާތީ އެ ހައްގުތައް އަލުން އިއާދަކޮށް ސަރުކާރު ޖަވާބުދާރީކުރުވަން ކަމަށް ބުނެއެވެ.
ތިން ރައީސުންގެ ފަރާތުން މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ، މި ހަފްތާގެ ތެރޭގައި ތިން ރައީސުންގެ މަންދޫބުން ދެވަނަ ފަހަރަށް ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ކަންކަން ވަމުންދާ ގޮތާމެދު މަޝްވަރާކޮށް މަންދޫބުން ހިޔާލުތައް ފާޅުކުރެއްވި ކަމަށް ބުނެފައިވެއެވެ.
އެ މެސެޖުގައި އިތުރަށް ބުނެފައިވަނީ، ކުރިއަށް ހުރި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަރަށް އަވަހަަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
”ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓު“ގެ ނަމުގައި އިއްތިހާދުވި ތިން ރައީސުން ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވީ، މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން އިތުރު ބައްދަލުވުމެއް ބާއްވާފައިނުވާއިރު، މެއި 18 ވަނަ ދުވަހު ތިން ރައީސުން ކަނޑައެޅި މަންދޫބުންގެ ބައްދަލުވުމެއް މެންހެޓަން ހޮޓަލުގައި ވަނީ ބާއްވައިފައެވެ.
ރައީސް ނަޝީދުގެ މަންދޫބުންގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) އާއި މަޖިލީހުގެ އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ރައީސް ޔާމީންގެ މަންދޫބުންނަކީ ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް އަދި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދުއެވެ.
އެ އިއްތިހާދުގައި ހިމެނޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުމަށް ރުހުންދީ އެގޮތަށް ވަނީ ފާސްކޮށްފައެވެ. އަދި ޕީއެންއެފްގެ ސެނެޓުން ވެސް އެ މަސައްކަތަށް ރުހުންދީފައެވެ.

