މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ޕާކިސްތާން ސަރުކާރުން މި ބަލި އިތުރަށް ފެތުރުނަނުދިމަށްޓަކައި، 21 މާރިޗު 2020 ވަނަ ދުވަހުގެ ރޭ ޕާކިސްތާން ގަޑިން 20:00 އިން 4 އޭޕްރިލް 2020 ވަނަ ދުވަހުގެ ރޭ ޕާކިސްތާން ގަޑިން 20:00 އަށް، ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބައިނަލްއަޤްވާމީ ކޮމާޝަލް, ޗާޓަރ އަދި ޕްރައިވެޓް އެއާލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމާފިއެވެ.
ޕާކިސްތާނުގެ ސަރުކާރުން ނިންމާފައިވާކަންކަން ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންގެ ސަމާލު ކަމަށް ގެނައުމުގެ ގޮތުން ދިވެހި ހާރިޖީއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ދުވަސްތަކުގައި ޕާކިސްތާނަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ދިވެހި ސަރުކާރުން ވަނީ އެދިފައެވެ.
މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސް ކުރައްވައި ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޕާކިސްތާނުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
ހަމައެހެންމެ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިފޮރުން މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސް ވަނީ އެދިފައެވެ. އެގޮތުން، ޕާކިސްތާނަށް ދަތުރުކުރާ، އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ޕާކިސްތާންގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ މިމިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

