މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފިނަމަ އިކޮނޮމިކް މިނިސްޓްރީގައި ގާއިމުކޮށްފައިވާ ޖޮބް ސެންޓަރަށް ރިޕޯޓުކުރަން ސަރުކާރުން އަންގައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާނަމަ، ނުވަތަ މުސާރަ އާއި އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ، ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ އެހެން ބަދަލެއް އައިސްފައިވާނަމަ، އެ މިނިސްޓްރީން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރ ގައި ރިޕޯޓުކޮށް މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މި މައުލޫމާތުތަކާއެކު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެހެނިހެން ލިޔުން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭއިރު، ދިވެހިން ވަޒީފާއިން ވަކިނުކުރާނެކަން ކަށަވަރުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން ވަނީ ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތައް ހީނަރުވަމުން ދާތީ އެކަމުން ވިޔަފާރިތައް ސަލާމަތް ކުރުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރުމަށް ނިންމާފައެވެ.

