ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް އިތުރު މީހަކު ނުފެންނަތާ މިއަދަށް ހަފްތާއެއް ވެފައިވާއިރު މިއީ އެންމެން ހަމަޖެހިލަންވީ ވަގުތެއް ނޫންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަސްއަށް މީހަކު ޕޮޒިޓިވްވެފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އެއަށްފަހު ވައިރަސްއަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު ފަރުވާދިން މީހުންގެ ތެރެއިން 3 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އެ ފިޔަވަޅުގެ ދަށުން މުހިންމު ނިންމުންތަކެއް ވަނީ ނިންމާފައެވެ. އެގޮތުން ސްކޫލުތަކާއި، ކޮލެޖުތައް ބަންދު ކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރަށުން ފޭބުން ވަނީ މަނާކޮށްފައެވެ. ސްކްރީން ކުރުމާއި ޓެސްޓު ކުރުންވެސް އިތުރަށް ހަރުދަނާ ކުރުމާއި އެކު ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިންވެސް 14 ދުވަހުގެ ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. އަދި އޭގެ ތެރެއިން ކިިރިޔާވެސް ބަލީގެ އަލާމާތެއް ހުރި މީހެއްނަމަ އެ މީހަކު ޓެސްޓު ކުރާނެއެވެ.
އާދީއްތަ ދުވަހު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ސްކޫލުތަކާއި، ކޮލެޖުތައް އަދި ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވަނީ އެންމެގެ ރައްކާތެރިކަމަށްޓަކާ ކަމަށެވެ. އަދި ގެއިން ނުނިކުތުމަށް އެންމެނަށް އިލްތިމާސްކުރަމުންދާއިރު ވެސް އެ ބަދަލެއް ނުފެންނަ ކަމަށެވެ. މާލެ ފެންނަނީ އަދިވެސް ކާރުބާރުބޮޑުތަނެއްގެ ގޮތުގައިކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.
ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ މީހުން މާލެ ލޮކްޑައުންކުރުމަށް ގޮވާލަމުންދާ ކަމަށެވެ. އެހެން ނަމަވެެސް އެ ޝުއޫރުފާޅުކުރާ ގިނަ ފަރާތްތައް ވެސް ގޭގައި މަޑު ނުކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެއީ ބަހާއި އަމަލު ދިމާނުވުން ކަމަށާއި ލޮކްޑައުން ނުކުރިޔަސް އެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރުން މުހިންމުކަމަށް ނަޒްލާ ވިދާޅުވިއެެވެ.
”ވަރަށް ގިނަ ބޭފުޅުން ލޮކްޑައުންއަކަށް ނުގޮސްގެން އެ ވާހަކަ ދައްކަވާނެ. އެކަމަކު ވަރަށް ގިނަ ބޭފުޅުން މަގުމަތީގައި މިއުޅުއްވަނީ ވިދާޅުވާ އެއްޗަކާ އަމަލަކާ ދިމައެއް ނުވޭ.“ ޑރ. ނަޒްލާ
ރާއްޖެއިން ވައިރަހަށް ޕޮޒިޓިވް މީހަކު ނުފެންނަތާ ހަފްތާއެއް ވެފައިވުމާއި އަދި ބަލި ޖެހުނު މީހުންގެ ތެރެއިން ތިން މީހަކު ރަނގަޅުވެފައިވުމުގެ ސަބަބުން އާއްމުން އެއީ އާދައިގެ ކަމެއްގެ ގޮތުގައި ނުހެދުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކޮށްފައެވެ. އޭނާ ވިދާޅުވީ ހަމަޖެހިލާ، އެއްވެސް ކަމެއް ނުވާނެކަމަށް ގަބޫލުކޮށްގެން ތިބެން ނުވޭ ކަމަށާއި ރާއްޖެއިން ކޮންެމެ ވަގުތެއްގައި ވެސް ވައިރަހުގެ ކޭސްއެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ބަލިން އަރައިގަތުމަށްޓަކާ އެހެން ގައުމުތަކުގެ އަމަލުތައް ވެސް މިސާލަކަށް ނަގަންޖެހޭއިރު އެކަމަށް އިޝާރާތް ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް އެންމެ މިންމީ ވައިރަހުގެ އަސަރުކޮށްފައިވާ މީހުން ދެނެގަނެ އެ މީހުންނާއި ކޮންޓެކްޓުވެފައި ތިބި ބައެއް އެކަހެރިކޮށް ޓެސްޓު ކުރުން ކަމަށެވެ. ނަމަވެސް އާއްމުގޮތެއްގައި މަގުމައްޗަށް ނިކުމެއުޅޭނަމަ ކޮންޓެކްޓް ޓްރޭސިން ހެދޭނީ ކިހިނެއްތޯ ވިދާޅުވިއެވެ. ދުނިޔޭގެ ގައުމުތަކުގައި އެއްހާސް ދެހާސް މީހުން ކޮންޓެކްޓު ޓްރޭސް ކުރަންޖެހޭއިރު ރާއްޖެ ވެސް އެފަދަ ހާލަތަަކަށް ދާން ބޭނުން ނުވާކަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެއްވުންތަކުގައި ބަލި ޖެހިފައި ހުރި މީހެއްގެ ފަރާތުން އެހެން މީހުންނަށް ފެތުރިގެން ގޮސްފައި ހުރިއިރު އެމީހުންގެ ފަރާތުން އިތުރު މީހުންނަށް ވެސް އޭގެ އަސަރުކޮށްފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ.
”ފުރަތަމަ ރާއްޖެ އަށް ދަތުރުކޮށްފައި އަންނަ މީހުން ހޯމް އައިސޮލޭޝަނަކަށް ނުލަން. ހޯމް އައިސޮލޭޝަނަށް ފަހުން ލާން ފެށީ. މިހާރު ކަރަންޓީނު ފެސިލިޓީތަކަށް ލަނީ. އެހެންވީމަ، މިކަމުގެ ނުރައްކާތެރިކަން ހުރި މިންވަރާއި ބަލި ދުނިޔޭގައި ފެތުރޭ މިންވަރަށް ބަލާ އިރު، އަޅުގަނޑުމެންނަށް އަދި ހަމަނޭވާލައިގެން މިކަން ހަމަޖެހުނީ ކަމަށް ހީކޮށް މަޑުމަޑުން ތިބެކޭކަށް ނެތް“ ޑރ. ނަޒްލާ
ދުނިޔޭގެ އެހެން ބައެއް ގައުމުތައް މިސާލެއްގެ ގޮތުގައި ނަންގަވާ ޑރ. ނަޒްލާ ވިދާޅުވީ ބައެއް ގައުމުތަކުގައި ވައިރަސް ފެތުރިގެން ދިޔައީ ކުއްލިގޮތަކަށް ކަމަށެވެ. ސޯޝަލް ޑިސްޓެންސްއަށް ބާރުއަޅާ ސަބަބަކީ އެއީކަން އޭނާ ފާހަގަކުރެއްވިއެވެ. އެތައް ހާސް ބައެއް އެއްވާތަނެއްގައި ވައިރަހުގެ އަސަރުކޮށްފައިހުރި މީހަކު ހުރި ހާލަތެއްގައި އޭގެ އަސަރު އެންމެނަށް ވެސް ކުރާނެ ކަމާއި އަދި ކޮންޓެކްޓު ޓްރޭސިންއަށް ދަތިތަކެއް އަންނާނެކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ. ކޮމިއުނިޓީ ސްޕްރެޑްއަކަށް ދިއުމުގެ ފުރުސަތު ހުއްޓުވޭނީ ގޭގައި އެންމެން މަޑުކޮށްލައިގެންކަމަށް ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެ އަންނަނީ ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރުވަމުންކަމުގައި ފާހަގަކޮށް، ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިތުރު ޑޮކްޓަރުންގެ ޓީމެއް ވެސް ރާއްޖެ އައިސްފައިވާކަމަށެވެ. އެހެން ނަމަވެސް، އެކަމަށް ވެސް ބައެއް އާއްމުންގެ ޝަކުވާތަކެއް އައިސް ރާއްޖެއިން ބޭރުގައި ތިބި ޑޮކްޓަރުން ގެންނަޖެހޭ ހާލަތަކަށް ނުދާކަމަށް ބުނަމުން އަންނަކަމަށެވެ. މަބްރޫކް ވިދާޅުވީ ރާއްޖެ ތައްޔާރުވަނީ ވޯސްޓް ކޭސް ސިނާރިއޯއަކަށް ކަމަށެވެ. ފެސިލީޓީތަކަށް އިތުރުކުރުމާއި އެކު އިންސާނީ ވަސީލަތްތައް ވެސް އެއާއި އެއްވަރަށް އިތުުރުވާންޖެހޭކަން މަބްެރޫކް ވަނީ ވިދާޅުވެފައެވެ. ކަރަންޓީން ފެސިލިޓީގެ ގޮތުގައި ނުވަ ރިސޯޓަކާއި ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އިން 1،158 ކޮޓަރި ހަމަޖައްސާފައިވާއިރު އެ ތަންތަނުގައި ޝިފްޓް ޑިއުޓީގައި ހެލްތު ވޯކަރުން މަސައްކަތް ކުރަން ޖެހެއެވެ. މަބްރޫކް ވިދާޅުވި ގޮތުގައި ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ 33 ޑޮކްޓަރަކު ވަނީ ރާއްޖެ އައިސްފައެވެ.
ނޭޕާލުގައި މިހާރު ކިޔަވަން ތިބި ޑޮކްޓަރުންގެ ތެރެއިން، ޑޮކްޓަރުކަމުގެ ލައިސަންސް އޮތް އަދި ސްޕެޝަލައިޒްވުމަށް ކިޔަވާ 40 އަށް ވުރެ ގިނަ ޑޮކްޓަރުން އެބަތިއްބެވެ. އަދި މެޑިސިން ކިޔަވައި ނިންމައި އިންޓާންޝިޕް ހަދާ ދަރިވަރުން ވެސް ހިމެނެ އެވެ. އެ ދަރިވަރުންގެ ދެ ވަނަ ޓީމު މާދަމާ ރާއްޖެ އަންނާނެ އެވެ. އެ އެންމެން ވެސް14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރާނެ އެވެ.
ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ބަލިން ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ،
އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންދާއިރު ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ވަނީ ދެ ހަފްތާއަށް ބަންދުކޮށްފައެވެ. އަދި ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް ވަނީ މަނާކޮށްފައެވެ. ނަމަވެސް ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ދޭނެއެވެ.
އަފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއް ވެފައިވާއިރު ސަރުކާރުން ވަނީ މިއީ ހަމަޖެހިލަން ވީ ވަގުތެއް ނޫންކަމަށް ބުނެފައެވެ.

