ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާ ހިލާފަށް ހއ. އަތޮޅުގެ ރިސޯޓަކަށް އެރި މައްސަލަގައިގައި ހައްޔަރުކޮށްފައިވާ އެ ރިސޯޓުގެ މުވައްޒަފުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއް ރަށުން އަނެއް ރަށަށް ދިއުން ވަނީ މަނާކޮށްފައެވެ. އަދި މީގެ ކުރިން މުވައްޒަފުން ކައިރި ރަށްތަކަށް އޮފްޑޭއަށް ދާއިރު އެކަން ވެސް ކުރުން މިހާރު ވަނީ މަނާކުރެވިފައެވެ. އާއްމު ސިއްހަތު ގާނޫނުގެ ދަށުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އެ އެންގުމުގެ ދަށުން އަޅާ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކުރެވިފައެވެ.
ރިސޯޓުން ފުރުން މަނާކޮށްފައިވަނިކޮށް ދާދިފަހުން ސައުތު ޕާމް ބީޗް ރިސޯޓްގެ މުވައްޒަފެއް ފަތާފައި ގޮސް އެ ރިސޯޓާއި ކައިރީ އޮންނަ އައްޑޫ މީދޫއަށް އެރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އޭގެ އިތުރުން ކ. އަތޮޅުގައި ހިމެނޭ ރިސޯޓަކުން ފިލައިގެން ފުވައްމުލައް ސިޓީއަށް ދާން މަސައްކަތް ކުރި ދެ މީހެއް ހައްޔަރުކޮށް އެ މީހުންގެ ބަންދުވެސް ވަނީ އިތުރުކޮށްފައެވެ.
އިއްޔެ ފެންމަތިވީ މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ހއ އަތޮޅަށް އެރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދުގެ މުއްދަތު 15 ދުވަސް ޖަހާފައިވާ ކަމަށެވެ. ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވަނީ އެއްވެސް ރިސޯޓަކަށް އެއްވެސް މީހަކު ނޭރުމަށެވެ. އަދި ރިސޯޓްތަކުން މީހުން އުޅޭ ރަށްރަށަށް ވެސް މީހުން ނެރުމަށެވެ. މިހާރު ޗުއްޓީގައި ތިބި މުވައްޒަފުންނަށް ވެސް އަނބުރާ ރިސޯޓަށް ދިޔުމުގެ ފުރުސަތެއް މިހާރު ނެތެވެ.
ކޮވިޑް-19 ބައްޔަށް ޕޮޒިޓިވް 13 މީހަކު ހަތަރު ރިސޯޓަކުންނާއި ސަފާރީއަކުން ފެނުމުން، ރިސޯޓުތަކުން ރަށްރަށުން ފޭބުުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމާ ހިލާފަށް އަމަލު ކުރާ މީހުނަށް ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.
މިހާތަނަށް ރައްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ތިން މީހަކު ވަނީ ފަރުވާދެވި ރަނގަޅު ކުރެވިފަ އެވެ. އެއިން ދެ މީހުންނަކީ އއ. ބަތަލާ ރިސޯޓުގައި ތިއްބައި ވައިރަސްއަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީ ދެމަފިރިއެކެވެ. ތިންވަނަ މީހާއަކީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވެގެން އެހަކެރި ކުރި ބިދޭސީއެކެވެ. އެ ދެ މީހުންގެ އިތުރުން އެހެން މީހަކުވެސް ވަނީ ވައިރަހުން ރަނގަޅުވެފައެވެ.

